
އައްޑޫ ސިޓީގެ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި ސިޒޭރިއަން ހެދި ދިވެހި ޒުވާން އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އޮޕަރޭޝަނަށް ފަހު ހާލު ދެރަވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
ނިޔާވެފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފު، އެސޯސިއޭޓް ކައުންސިލް އޮފިސަރު ސ. ހިތަދޫ، ތަމަންނާގެ އައިޝަތު ނަޒާހަތު އަހުމަދު ދީދީ(28އ) އެވެ.
އައިޝަތު ނަޒާހަތު އަޙްމަދުދީދީގެ ހާލު ދެރަވުމުން އޭނާ ވަނީ އައިއެމްޑީސީ އިން އެމަޖެންސީކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް (އޭއީއެޗް) ގެންގޮސްފައެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އޭއީއެޗަށް އޭނާ ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ.
ނަޒާހަތު ނިޔާވިއިރު، އޭނާ ވިހެއި ދަރިފުޅުގެ ހާލުވެސް ސީރިއަސްވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެންއައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. ދަރިފުޅުގެ ހާލަތު ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ މައުލޫމާތު ލިބެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ބެލެހެއްޓުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ބެލެވެއެވެ.

