
މޫސުން ގޯސްވާނެކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް، މިއަދުގެ 5:45 އިން 11:00އަށް ހުދު ސަމާލު ނެރެފައިވާކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. އަދި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރާވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

