
ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓު ހާއްސަ ވެގެންދާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާވެއްޖެއެވެ.
ވިލިމާލޭ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތަކުގެ މަތީން ހަނދާން ނުނެތޭކަމަށެވެ. ވިލިމާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ވެވަޑައިގެންނެވި ވައުދެއްކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 300 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
“ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓު ޙާއްސަ ކުރެވިގެންދާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް. މިމަޝްރޫޢު މިއަހަރުގެ ތެރޭގައި ކޮންޓްރެކްޓަކާއި ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ. މިމަސައްކަތަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި، ފައިސާގެ އެއްވެސް ދަތިކަމެއް މިމަސައްކަތުގައި ނެތް. މިއީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް އެކުލެވޭ 300 ހައުސިން ޔުނިޓުގެ ހައުސިން މަޝްރޫއެއް” :ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި 3000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ މިދިޔަ މަހުގެ 5ވަނަ ދުވަހު ވަޒީރުގެ މަޖިލީހުން ނިންމެވި، ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުންނެވެ. މިއީ މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްގީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުރެވޭ ނިޒާމެވެ.

