
އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވި އިރު، ފައްޔާޒަށް ކާމިޔާބީއަށް އެދިވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް ތައުރީފު ކުރައްވައިފި އެވެ.
ފައްޔާޒު ވެސް ވަނީ 2028ގެ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. ނަޝީދު ވެސް ވަނީ އެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް މެސެޖެއް މީގެ ކުރިން ކުރައްވައިފަ އެވެ.
ނަމަވެސް އެކި މަސްދަރުތަކުން އެނގޭ ގޮތުގައި، ރިޔާސީ ޓިކެޓް ގުޅިގެން އެމްޑީޕީގެ އެތެރޭގައި މިހާރު އޮތް ބައިބައިވުމުގައި ނަޝީދާއި ފައްޔާޒު ހުންނެވީ އެކުގަ އެވެ. ސާފުނުވާ ކަމަކީ އެއިން ރިޔާސީ އިންތިހާބަށް ނުކުންނަ ވާނެ ބޭފުޅެކެވެ.
ކޮންމެ އަކަސް ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ.
“އެމްޑީޕީ އުފެދުނީއްސުރެން ޕާޓީއަށް ފައްޔާޒު އިސްމާއީލް އެ ވަނީ ނުހަނު ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައި. ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހި ވަޑައިނުގެން، ޖަލަށް ވަޑައިގަންނަވަން ޖެހުނު ވަގުތު ޖެހިލުމެއް ވެސް ޖަލަށް ވެސް ވަޑައިގެންނެވި,” ނަޝީދު ލިއުއްވާފައިވެ އެވެ.
އަދި ޕާޓީއާއެކު ފައްޔާޒަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ލިއުއްވި އެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އިޝާރާތްކުރެއްވީ ވެސް ރިޔާސީ އިންތިހާބަށެވެ.
އަންނަ މާލެ މޭޔަރުގެ ޕްރައިމެރީގައި ވެސް ނަޝީދުގެ ވަފާތެރިންނާއި ފައްޔާޒުގެ ސަޕޯޓަރުން ތާއީދުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށެވެ. ސޯލިހުގެ ސަޕޯޓަރުން ތިބީ މިހާރު މޭޔަރު އާދަމް އާޒިމާ އެކުގަ އެވެ.

