
ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ދޮންބަނޑާރައިން ކުރެއްވި ޖިހާދުގެ ޒިކުރާ މިފަސްގަނޑުގައި ޝުކުރުވެރިކަމާއެކު ދިރިދިރި ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ހޮޅީން މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރުގެ ރަދުން ރަހީނުކޮށް ލާއިންސާނީ އެތައް އަނިޔާއެއް ދިވެހިންނަށް ދިންކަމަށާއި އަޅުވެތިކަމުގެ ނާމާން ދުވަސްތަކަކަށް މި ޤައުމު ވެއްޓުނުކަމަށެވެ. އަދި އެ ނާމާން ބިރުވެރި ޙާދިސާއަށް 3 ޤަރުނުވާން ކައިވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނުރައްކަލުން ރާއްޖެ ސަލާމަތްކޮށް މިންޖުކޮށްދެއްވުމަށް ދޮންބަންޑާރައިން ކުރެއްވީ ހިތްވަރު ގަދަ ޤައުމީ ޖިހާދެއްކަމަށާއި އެބޭކަލުންގެ ހަނދާންތައް މިފަސްގަނޑުގައި ޝުކުރުވެރިކަމާއެކު ދިރިދިރި ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެބޭކަލުންގެ ޙިކުމަތާއި، ޙުޝިޔާރުކަމާ މި ދިވެހި ވަޠަނަށް އޮތް ލޯތްބާއި ކުލުނު ހާމަވެގެންދިޔަ ތާރީޚީ ޙާދިސާއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މި ޕޯސްޓް ނިންމަވާލައްވާފައި ވަނީ ފަޚްރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި މިނިވަންކަމާއި ފާގަތިކަމުގައި ރާއްޖެ އަބަދަށް ލެއްވުންއެދި މާތްﷲގެ ޙަޟްރަތަށް ދުޢާ ކުރައްވާފައެވެ.

