
ރަންބީރު ކަޕޫރާއި ދީޕިކާ ޕަޑުކޯން އެކުގައި ކުޅެފައިވާ ފިލްތަކަކީ އަބަދުވެސް ބޮލީވުޑްގެ ތާރީހުގައި ފާހަގަކުރެވޭ ފިލްމު ތަކެއްކަމުގައި ވަނީ ވެގެންގޮސްފައެވެ. އެހެންކަމުން ބޮޑު ސްކްރީންގައި އެދެތަރިން އަލުން ބައްދަލުކުރަންވީ ވަގުތު ޖެހިއްޖެކަމަށް ފޭނަކު ވަނީ ފިލްމު ޑައިރެކްޓް ކުރާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި މިހާރު ފެންނަ ގޮތުގައި، ދީޕިކާވެސް އެކަމަށް އެއްބަސްވާ ކަމަށް ފެނެއެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި ޝާއިއުކުރެވުނު ވީޑިއޯއެއްގައި، ސޮނަލިކާ ޕޫރީ ނަމަކަށް ކިޔާ އަންހެން ކުއްޖަކު ވަނީ ރަންބީރު ކަޕޫރާއި ދީޕިކާ ޕަޑުކޯން އެކުގައި އަލުން މަސައްކަތް ކުރާ ފިލްމެއް ބޮޑު ސްކްރީންގައި ބަލާލަން ބޭނުންވާކަމަށް ހާމަކޮށްފައެވެ.
އޭނާ ބުނީ، މިއީ ހުރިހާ ޑައިރެކްޓަރުންނަށާއި ޕްރޮޑިއުސަރުންނަށް އިހްތިރާމާއެކު އެދޭ އެދުމެއް ކަމަށެވެ. އެ ވީޑިއޯގައި އޭނާ ވަނީ، ރަންބީރު ކަޕޫރާއި ދީޕިކާ ޕަޑުކޯން އެއްފިލްމެއްގައި ކާސްޓް ކޮށްދީފާނަންތޯއާއި، ވަކިން ހާއްސަކޮށް ލޯބީގެ ފިލްމެއްގަައި ކާސްޓް ކޮށްދީފާނަންތޯ ފިލްމް ޑައިރެކްޓް ކުރާ ފަރާތް ތަކާ ސުވާލު އުފައްދާފައެވެ.
އޭނާ ބުނީ، ޑައިރެކްޓަރުން އަބަދުވެސް ބުނަމުންދަނީ ފިލްމުތަކުން ފައިސާއެއް ނުލިބޭ ވާހަކަ ކަމަށާއި މީހުން ތިއޭޓަރަށް ނާންނަ ވާހަކަ ކަމަށެވެ. އެހެންކަމުން އެދެ ތަރިން އެކުގައި ކާސްޓް ކޮށްފިނަމަ ތަފާތު ފެނިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
“މިދެމީހުން ޕަބްލިކްގައި ފެންނަ ވަގުތުތަކުގައިވެސް މިހާ ބޮޑު ހަލަބޮލިކަމެއް އުފައްދިގެންދާ އިރު، އަލުން ފިލްމަކުން އެކުގައި ފެނިއްޖެނަމަ ބެލުންތެރިންނަށްވާނެ ގޮތް ނިކަން ވިސްނާލާ އޯ ގޮޑް، އެކަމާމެދު ވިސްނާލިޔަސް ހިނިތުންވުން ހުއްޓުވޭކަށް ނެތް” :ސޮނަލިކާ ޕޫރީ
އެހެން ކަމުން އޭނާ ވަނީ ރަނގަޅު ސްކްރިޕްޓެއް ލިޔެ، އެދެމީހުން ކާސްޓް ކޮށްދިނުމަށް އެދިފަވެ. އެއީ އެދެމީހުންނަކީ ވަރަށް ހުނަރުވެރި، އަދި އެކުގައި ވަރަށް ރީތިކޮށް ފެންނަ ދެމީހުން ކަމަށްވާތީ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ހައިރާންކުރުވަނިވި ކަމަކީ، މި ވީޑިއޯ ވައިރަލްވެ، ދީޕިކާވެސް މި ވީޑިއޯއަށް ލައިކް ކޮށްފައިވާތީ އެވެ. އެހެންކަމުން ދީޕިކާވެސް އަލުން ރަންބީރާއެކު މަސައްކަތްކުރުމަށް އެއްބަސްވާކަމަށް ފޭނުން ދަނީ ގަބޫކުރަމުންނެވެ.
ދީޕިކާ ޕަޑުކޯން އަދި ރަންބީރު ކަޕޫރު މީގެ ކުރިން ވަނީ ތަފާތު 3 ފިލްމެއްގައި އެކުގައި ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި “ބަޗްނާ އޭ ހަސީނޯ”، “ޔޭ ޖަވާނީ ހައި ދީވާނީ” އަދި “ތަމާޝާ” ހިމެނެއެވެ.
ރަންބީރު ކަޕޫރު މިވަގުތު މަސައްކަތްކުރަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު “ލަވް އެންޑް ވޯރ” ގައެވެ. ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ މި ފިލްމުގައި އާލިޔާ ބަޓް އަދި ވިކީ ކައުޝަލްވެސް ބައިވެރިވެއެވެ. މީގެ އިތުރުން، އެކްޓަރުގެ ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ “ރާމާޔަނާ” ޑުއޮލޮޖީވެސް ކުރިއަށް އެބައޮތެވެ. އަނެއްކޮޅުން، ދީޕިކާ މިވަގުތު މަސައްކަތްކުރަމުންދަނީ ޝާރުޚް ޚާން ބައިވެރިވާ “ކިންގް” އަދި އަލްލު އަރްޖުންގެ ވަގުތީ ނަމަކަށް ކިޔާ “AA22xA6” ފިލްމުގައެވެ. މި ފިލްމު ޑައިރެކްޓްކުރަނީ އެޓްލީއެވެ.

