
މިހާރު ޕްރެމިއާ ކުރުމަށް ތައްޔާރުވަމުންދާ ދިވެހި ފިލްމު ލިލީ އޮލިމްޕަހުގައި އަޅުވާނީ އެންމެ ދިހަ ދުވަހުގަ އެވެ. އެއީ މި މަހު 20 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށެވެ.
އިޖުތިމާއީ މައްސަލަތައް ދައްކުވައިދޭ މި ފިލްމަކީ ބަލާލަން ރަނގަޅު ފިލްމެކެެވެ. އޮލިމްޕަހުގައި އެންމެ 10 ދުވަހަށް ހުޅުވާލާތީ ޓިކެޓެއް ލިބޭނީ އަވަހަށް އުޅެގެންނެވެ.
ޓިކެޓް އަވަހަށް ގަންނަން ޖެހޭ އެހެން ސަބަބެއް ވެސް އެބައޮތެވެ. ކްރިއޭޓިވް ނެޓްވޯކްގެ އަލަތު ފިލްމު ލިލީގެ ޓިކެޓު މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ނަގައިގެން ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް އޮތުމުންނެވެ.
އެ ދުވަހުގެ ކުރިން ޓިކެޓު ނަގާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ގަވިންގެ ފަރާތުން ދޭ ކަސްޓަމް ބަދިގެ ސެޓާއި ދެ މީހަކަށް މެލޭޝިއާ ދެކޮޅު ޓިކެޓު ދިނުމަށް ހަނަޖެހިފައިވެއެވެ.
މި ފިލްމުގެ ޓިކެޓު ނެންގެވުމަށް 7505079 އަށް ވައިބާ ކުރުމުން އަދި ވެބްސައިޓުން ލިބޭނެއެވެ.
މި ފިލްމުގެ ޕްރެމިއާ ޝޯގެ ދައުވަތު ވެސް ދީފައިވަނީ ވަރަށް ތަފާތުގޮތަކަށް މީރު ދުފުމަކާ އެކު ރީތި ފަރުމާއަކުން ހަދާފައިވާ ފޮއްޓެއްގަ އެވެ. މި ދައުވަތު ލިބުނު ފަރާތްތަކުން ފޮށީގެ ވީޑިއޯތައް ޝޯސަލް މީޑިޔާގައި ހިއްސާކޮށްފައިވެ އެވެ.
މުހައްމަދު އަރީހް ޕްރޮޑިއުސް ކުރާ މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަޒްހާން އިބްރާހީމް އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޅ. ހިންނަވަރުގެ އިތުރުން ލާމު އަތޮޅުގެ އެކި ރަށްރަށުގަ އެވެ. މި ފިލްމަކީ ހިންނަވަރުގައި އުޅޭ ލިލީ ނަަމަކަށް ކިޔާ އަންހެނަކަށް ކުރިމަތިވާ ކަންތައްތަކެއް ދައްކުވައިދޭ ފީޗާއެކެވެ.
މި ފިލްމުގައި ހިމެނޭ މައިގަނޑު ތަރިންނަކީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގެވެ.

