
ވެރިކަމުގެ ދުވަސްވަރު އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަން ސާބިތުވެ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ޝައިހު ހަސީނާ މަރަން ހުކުމް ކޮށްފި އެވެ.
ބަންގްލަދޭޝްގެ ހާއްސަ ކޯޓެއް ކަމަށްވާ އިންޓަނޭޝަނަލް ކްރައިމްސް ޓްރިބިއުނަލުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މިދިޔަ އަހަރު އެ ގައުމުގައި ހިނގި ހަމަޖެހުންތަކުގައި 1400 އެއްހާ މީހުން މަރުވުމުގެ ޒިންމާ ހަސީނާ ނަންގަވަން ޖެހޭ ކަމަށެވެ.
އެކަމަނާގެ ވެރިކަން ވައްޓާލުމަށް އޭރު އެގައުމުގެ ކިޔަވާ ކުދިންތަކެއް އިސްވެ ހިންގި މުޒާހަތާރަކުގެ “މާސްޓާމައިންޑް” އަކީ ހަސީނާ ކަމަށް ސާބިތުވި ދައުވާތަކުގައި ބުނެފައިވެ އެވެ. އެގޮތުން، ހަމަނުޖެހުން ހިންގުމާއި، މީހުން މެރުމަށް އަމުރު ކުރުމާއި، އަނިޔާވެރިކަން ނުހުއްޓުވުމުގެ ކުށް އެކަމަނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
އެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، ހަސީނާ މަރަން ހުކުމް ކުރުމާއެކު، ކޯޓު ރޫމުގައި އާންމުން ވަނީ އުފާފާޅުކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަސީނާގެ ވެރިކަން ވެއްޓުމާއެކު ފިއްލަވައިގެން ވަޑައިގެންނެވީ އިންޑިއާށެވެ. އެހެންވެ، މީގެ ކުރިން ހިންގި ޝަރީއަތްތައް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ޣައިރު ހާޒިރުގަ އެވެ.

