
ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލެންސްގެ ހިދުމަތް ފަށަން ސޮއިކޮށްފި އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ އައިލެންޑް އޭވިއޭޝަންއާއި ހެލްތު މިނިސްޓްރީއާއި އެންސްޕާ އެވެ.
އެ އެއްބަސްވުމުގައި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހީނާ ވަލީދު އެވެ. އަދި ހެލްތު މިިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނާސިރު ސޮއިކުރެއްވި އިރު އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒް އެވެ.
ނަމަވެސް ދުބާއީއާއި ތައިލެންޑްއަސް އެ ހިދުމަތް ފަށާނެ ސީދާ ދުވަހެއް ހެލްތު މިނިސްޓްރީއެއް ހާމައެއް ނުކުރެ އެވެ.
އައިލެންޑް އޭވިއޭޝަންއާ ގުޅިގެން ސަރުކާރުން އެއާ އެމްބިއުލެންސްގެ ހިދުމަތް ސަރުކާރުން ފެށީ މިދިޔަ އަހަރު މާރިޗު މަހުގެ 1 ވަނަ ދުވަހުގައެވެ.
އެ ހިދުމަތް ލަންކާއަށާއި އިންޑިއާއަށް ވެސް ދޭން ފަށާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވީ ނަމަވެސް އަދި މިހާތަނަކަށް އެ ހިދުމަތް ނުފަށަ އެވެ.
އެހެން ނަމަވެސް ރާއްޖޭގެ އެތެރޭގައި 1000 އަށްވުރެ ގިނަ ދަތުރުތައް އެއާ އެމްބިއުލެންސްގައި ކޮށްފައި ވެއެވެ.

