
މި މަހު މެދު އަދި އިރުމަތީ ޔޫރަޕްގައި ބާއްވާ “އައި އެމް މޯލްޑިވްސް ރޯޑްޝޯ”ގައި ތޮއްޑޫގެ 14 ގެސްޓްހައުސް ގުޅިގެން އެ ރަށް ޕްރޮމޯޓުކުރަން ތައްޔާރުވެއްޖެ އެވެ.
މިމަހުގެ 17–21 އަށް ކުރިއަށް ގެންދާ މި ރޯޑްޝޯ ޕޮލެންޑްގެ ވާސޯ އަދި ރޯމޭނިޔާގެ ބުކަރެސްޓް، އަދި ޗެކްރިޕަބްލިކްގެ ޕްރާގް އަށް ދަތުރުކުރާ ތޮއްޑޫ ޓީމުގެ އިތުރަށް ރިސޯޓްތަކާއި ހޮޓަލްތަކާއި ގެސްޓްހައުސްތަކާއި ލައިވްބޯޑްތަކާއި ޓްރެވަލް އެޖެންސީތައް ހިމެނޭ ގޮތަށް މޯލްޑިވިއަންގެ ޓޫރިޒަމްގެ 26 ބައިވެރިން އެއްތަނަކަށް އެއްވާނެ އެވެ.
މި އިވެންޓުގެ މަގުސަދަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސެންޓްރަލް އެންޑް އީސްޓަރން ޔޫރަޕިއަން (ސީއީއީ) މާކެޓް- ގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމެވެ.
ޝޯލައިން ގްރޭންޑް ތޮއްޑޫގެ ސީއީއޯ އަދި މެނޭޖިން ޕާޓްނަރު ޒުލައިޚާ އިބްރާހިމް ވިދާޅުވި ގޮތުގައި މިއީ ތޮއްޑޫ ގެސްޓްހައުސްތައް އެއް ބްރޭންޑް އައިޑެންޓިޓީއެއްގެ ދަށުން އެއްބައިވަންތަ ކުރުމަށް އޭނާ ކުރި ދެވަނަ ބޮޑު މަސައްކަތެވެ. މިދިޔަ އަހަރު ހަމަ މިގޮތަށް އަޒްބައިޖާން އަދި ޖޯޖިޔާގައި ބޭއްވި ރޯޑްޝޯގައިވެސް ތޮއްޑޫވަނީ އިޝްތިހާރުކޮށްފައެވެ.
“އެކީގައި ތިބެ، ތޮއްޑޫ މޯލްޑިވްސް ޕްރޮމޯޓް ކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ފަޚުރެއް” ޒުލައިޚާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުން އިންތިޒާމު ކުރި އިވެންޓްތަކުގައި ބައިވެރިވާ މައިގަނޑު އެއް ސަބަބަކީ އެ އެސޯސިއޭޝަނުން ގެސްޓުހައުސްތަކާ ގާތުން މަސައްކަތް ކުރުމެވެ. އަދި އިވެންޓްތައް ހާއްސަކޮށް ރަނގަޅަށް އިންތިޒާމްކޮށް ފެންވަރު ރަނގަޅު ޓްރެވަލް އޭޖެންޓުން ގެނެސްދޭކަމާއި މި ސަޕޯޓުގެ ސަބަބުން އާ މާކެޓްތަކުގައި އަޅުގަނޑުމެންގެ ޕްރެޒެންސް ހަރުދަނާ ކުރުމަށް ވަރަށް ބޮޑަށް ފުރުޞަތު ލިބޭކަމަށް ވެސް ވިދާޅުވި އެވެ.
މި ހަރަކާތުގެ ތެރެއިން ތޮއްޑޫގެ 05 ގެސްޓްހައުސްއަކުން ސްޕޮންސާ ކުރާ 15 ގިފްޓް ވައުޗާ ދޭނެ އެވެ. އެއީ ހަތް ރޭގެ ހުރުން ހިލޭ ލިބިގެންދާނެ 15 ވައުޗާ އެވެ.
މި ރޯޑްޝޯގައި ތޮއްޑޫއިން ބައިވެރިވާ 14 ގެސްޓްހައުސް
1. އެމޭޒިން ވިއު ގެސްޓް ހައުސް
2. ބެލެނާ މޯލްޑިވްސް
3. ބެލްވެޑެރޭ
4. ބްލޫ ކޮރަލް
5. ޑަޗާ ތޮއްޑޫ ވައިޓްސޭންޑް
6. ޖޭމް ލޮޖް
7. ކިނބި އިން
8. ލެގޫން ވިލާ
9. ރަންވިލު
10. ރިހިވެލި ރެސިޑެންސް
11. ސޭންޑްސް ގާޑަން
12. ޝޯރލައިން ގްރޭންޑް ތޮއްޑޫ
13. ސޮރެންޒޯ މޯލްޑިވްސް
14. ތިލަ ހޮޓެލްސް
ދަނޑުވެރިކަމުގެ މުއްސަނދި ސަގާފަތާއި ޓްރޮޕިކަލް ދަނޑުވެރިކަމާއި، މޯލްޑިވްސްގެ އެންމެ ބޮޑު އަދި އެންމެ ރީތި އެއް ގޮނޑުދޮށުގެ ސަބަބުން ގިނަ ބަޔަކު ދަންނަ ތޮއްޑޫއަކީ މިހާރު އެއް ރަށެއްގައި އެންމެ ގެސްޓުހައުސް ގިނަ އެއް ރަށެވެ. ތޮއްޑޫގައި މިހާރު 75 ގެސްޓްހައުސް ރަޖިސްޓަރކޮށް ހިންގާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައިރަންމަންޓްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެންމެ ގަޑިއިރަކުން ދެވޭ ތޮއްޑޫއަކީ މިހާރު ވެސް ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ.

