
އެމްޕީއެލް ޕޯޓުގައި ހުރި ދެ ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ބިދޭސީ މީހަކު ހައްޔަރު ކޮށްފި އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހު މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިންނަރު ސިނގިރޭޓު ވަގަށް ނެގިކަން އެނގުނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ. ގެއްލުނު 1360 ކޭސް ސިނގިރޭޓުގެ އަގު 13.6 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އަލަމިން މިއާ 36، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
މި މައްސަލައިގައި އެ ބިދޭސީ މީހާއާއެކު ޖުމްލަ 10 މީހުން މިހާތަނަށް ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ
- މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސްގެ ޑިޕާޓްމެންޓްގެ ހެޑު، މުއާޒު އަލީ
- އެޕޯލީ ކުންފުނީގެ ވެރިޔާ، މުހައްމަދު ވަހީދު
- ލޮޓަސް ފިހާރަތަކުގެ ވެރިޔާ، އަހުމަދު އާރިފް
- ކަސްޓަމްސްގެ އިސް މުވައްޒަފު، ޒިވާރު އިސްމާއިލް
- ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހުމާން
- ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު
- ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަމީލް
- ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހު
- މާލެ، ހ. ރުމޭނިއާގެ، އަހުމަދު ފިރުސާން
މި މައްސަލައިގައި ހައްޔަރު ކުރި ގިނަ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

