
ފުވައްމުލަކު ސިޓީގެ ފެން މިހާރު ރައްކާތެރިކަމަށް މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަގައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ހާމަވުމާ ގުޅިގެން ފުވައްމުލަކުގައި ފެނުގެ ހިދުމަތް ދެމުންދާ ފެނަކައިން ފެން ކަނޑާލީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އޭގެ ފަހުން ފެނުގެ މައްސަލަ ހައްލުކުރަން ދިޔައީ މަސައްކަތް ކުރަމުންނެވެ.
އެމްއެފްޑީއޭއިން މިއަދު ބުނީ ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަހުލީލުކޮށްފައިވާ ކަމަށެވެ.
އަދި އެ ތަހުލީލުތަކުން ދައްކާ ގޮތުން ފުވައްމުލަކުގެ ފެނަކީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބޯން ކަމުދާ މިންގަނޑަށް ފެތޭ ފެނެއް ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.
ދިހަ ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުން ފެނުގެ ހިދުމަތް މެދުކެނޑުމުން ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ. އަދި ރަށުގެ ފިހާރަތަކުން ވެސް ފެން ހުސްވި އެވެ.
އެހެންވެ ވައިގެ މަގުން އެތައް ސަތޭކަ ފެން ކޭސް ސަރުކާރުން ފުވައްމުލަކަށް ފޮނުވި އެވެ. އަދި ސިފައިން ޕިކަޕުތަކުގައި ގޭގެއަށް ފެން ގެންގޮސްދިނެވެ.

