
މަސްވެރިންގެ ދުވަހާ ގުޅިގެން މަސްކެނޑުގެ މުބާރާތެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސްކެނޑުމުގެ މުބާރާތް ބާއްވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ރ. ދުވާފަރުގައި ކަމަށެވެ.
ދެ ޖިންސްގެ މީހުންނަށް ވެސް ބައިވެރިވެވޭ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ 14:00އާ ހަމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޫގަލް ފޯމެއް ފުރިހަމަކުރުމުން ބައިވެރިވެވޭނެ އެވެ.
މި މުބާރާތުގެ މަގުސަދަކީ ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކޮށް މަސްކެނޑުމަކީވެސް މަސްވެރި ސިނާއަތުގައި މުހިއްމު މަސައްކަތެއްކަން އަންގާދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

