
ފުވައްމުލަކު ސިޓީގަށް ދިމާވި ފެނުގެ މައްސަލަ ހައްލުކޮށް، އެކި ސަރަހައްދުތަކަށް ފެން ދޫކުރަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެން ތަޣައްޔަރު ވުމުގެ ސަބަބުން ފުވައްމުލަކު ސިޓީން ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެނުގެ ހިދުމަތް މެދުކަނޑާލައިފަ އެވެ.
ފެނަކައިން މިއަދު ބުނީ ރެއިން ފެށީގެން އެ ސިޓީގެ އެކި ސަރަހައްދުތަކަށް ފެން ދޫކުރަމުންދާ ކަމަށެވެ. މިހާރު ފެން ދޫނުކުރެވި ހުރީ ކްރޮސް ކަނެކްޝަން ހަދާފައިވާ ގޭބިސީތަކަށް އެކަނި ކަމަށާއި، މެންދުރަށް އެގޭގެއަށް ވެސް ފެން ދޫކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
އަދި، ފެން ތަޣައްޔަރުވި މައްސަލަ ހައްލުކޮށް، އަލުން ގޭގެއަށް ފެން ދޫކުރަން ފަށާފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ތަހުލީލުކޮށް، ފެން ބޭނުން ކުރުން ރައްކާތެރިކަން ކަށަވަރުކޮށް ހުއްދަ ލިބިގެން ކަމަށް ވެސް ފެނަކައިން ބުނެފައިވެ އެވެ.
ފުވައްމުލަކު ސިޓީ އިން ފެނުގެ ހިދުމަތް ކެނޑުމުން އެ ސިޓީގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. ފެން ކެނޑުމުން ސަރުކާރުން ވަނީ ހައެއްކަ ގަޑިއިރުން މައްސަލަ ހައްލުކޮށްދޭނެ ކަމަށް އަންގާރަ ދުވަހު ބުނެފަ އެވެ. ނަމަވެސް މައްސަލަ މުޅިން ހައްލުވީ އިއްޔެގ ވަގުތެއްގަ އެވެ.

