
ރާއްޖޭގައި އުޅޭ ތަނަވަސް މީހުންނަށް އާސަންދައާއި އެހެނިހެން އިނާޔަތްތައް ދިނުން ހުއްޓާލަން ޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ބަހުސްގައި ސަލީމް ވިދާޅުވީ އާސަންދަ އާއި ދައުލަތުންދޭ އެފަދަ އެހެން އިނާޔަތްތައް ލިބެން ޖެހޭނީ ނިކަމެތިންނަށް ކަމަށެވެ.
“މި ރާއްޖޭގައި އާސަންދަ އާއި އެންސްޕާ [ހިދުމަތް] ލިބޭ ކިތަންމެ ތަނަވަސް މީހަކަށް ވިޔަސް، އަދި 65 އަހަރު ވީމާ އެ ލިބޭ 5000 ރުފިޔާ ވެސް، އެއީ މަހުޖަނަކަށް ވިޔަސް، ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް، އެ 5000 ރުފިޔާ ވެސް އެބަ ނަގާ. އެހެންވީމާ އަޅުގަނޑުމެން މިހިރަ ކަންތައްތައް ބަލައިގެން މި ކަންތައްތައް އެބަ ޖެހޭ ހުއްޓާލަން،” ސަލީމް ވިދާޅުވި އެވެ.
އެ މައުލޫގައި ވާހަކަ ދައްކަވަމުން ސަލީމް އިތުރަށް ވިދާޅުނީ މުއްސަނދިންގެ އަތުން އެކަށީގެންވާ ގޮތެއްގައި މުދަލު ޒަކާތް ނެގޭނަމަ ރާއްޖޭގައި ފަގީރުން ވެސް ނުތިބޭނެ ކަމަށެވެ. އެކަން ސާބިތު ކޮށްދެއްވުމަށް ސަލީމް ނެންގެވީ ޚަލީފާ، އުމަރު ބިން އަބްދުލް އަޒީޒުގެ މިސާލެވެ. އެބޭކަލުގެ އަލުވެރިކަމުގެ ސަބަބުން އެ ދުވަސްވަރު ފަގީރުން ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ.
“ރަގަޅަށް ކަންތައް ކޮށްފި ކަމަށްވަންޞާ އަޅުގަނޑުމެންގެ ތެރޭގައި ވެސް ފަގީރުންނެއް ނުތިބޭނެ. މި ރާއްޖެ އަކީ އެންމެ 4 ލައްކައެއްހާ މީހުން ތިބި ތަނެއް،” ސަލީމް ވިދާޅުވި އެވެ.

