
ދީނީ ދަޢުވަތުގައި މަސައްކަތްކުރާ މަންފާ ޖަމްޢިއްޔާގެ ފުރަތަމަ ބޮޑު ދަރުސް މާދަމާރޭ އާޓިފިޝަލް ބީޗްގައި ބާއްވަން ނިންމައިފިއެވެ.
އެ ޖަމްޢިއްޔާއިން ބުނެފައިވާ ގޮތުގައި މި ދަރުސްގެ މައުޟޫއަކީ “ފިތުނަ”އެވެ. ދަރުސް ދެއްވާނީ ޝައިޚް އާދަމް ޝަމީމްއެވެ.
މާދަމާރޭ 9:00ގައި ފެށުމަށް ރާވައިފައިވާ މި ދަރުހުގެ އިތުރުން އެހެނިހެން ހަރަކާތްތަކެއް ވެސް ހަފްލާއިން ފެނިގެންދާނެކަމަށް އެ ޖަމްޢިއްޔާއިން ހާމަކޮށްފައި ވެއެވެ. މި ހަފްލާގައި އާންމުންގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ޖަމްޢިއްޔާއިން ވަނީ އެދިފައެވެ.
ޢަލީ ރަމީޒް އިސްވެ ހުންނަވައި ހިންގަވާ މަންފާ ޖަމްޢިއްޔާއަކީ މި އަހަރުގެ ޖެނުއަރީމަހުން ފެށިގެން ޙަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއިން ދަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އެތައް ޙަރަކާތެއް މާލެއާއި އެކި ރަށްރަށުގައި ހިންގަމުންނެވެ. އެ ގޮތުން މިސްކިތު ދަރުސްތަކާއި އެކި ފޯރަމްތަކުގެ އިތުރުން ނަމާދު އަދި ބަންގި ވޯކްޝޮޕްތައް ފަދަ ޙަރަކާތްތައް އެ ޖަމްޢިއްޔާއިން ދަނީ ރަށްރަށުގައި ހިންގަމުންނެވެ. ހަމައެހެންމެ “ހިދާޔަތުގެ ހިޔަލުގައި”ނަމުގައި ކޮންމެ އަންގާރަ ދުވަހެއްގެރޭ ވިޔަފާރިވެރިންގެ މިސްކިތުގައި އެ ޖަމްޢިއްޔާއިން ދަނީ ޝައިޚް އާދަމް ނިޝާންގެ ދަރުސްތަކެއް ގެނެސްދެމުންނެވެ.
މީގެ އިތުރުން އެ ޖަމްޢިއްޔާއިން ދަނީ ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމާއި އިޖުތިމާޢީ ހޭލުންތެރިކަމުގައި ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

