
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓުގައި ތިބި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެއުޅެނު “އަވިޝްކާ ޕުތާ” ބޯޓު އިއްޔެ ބަލައިފާސްކުރި އިރު 58.6 ކިލޯގެ ހެރޮއިންއާއި 297.3 ކިލޯގެ މެތަމްފެޓައިމް ފެނުނެވެ. އެއާއެކު އެ ބޯޓުގައި ތިބި ފަސް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުން
- ކޭ އެން އައި ޕެއިރިސް، 39
- ސިންގައްޕުލިގެ ނިމަލް ރަންޖިތް، 63
- ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް، 34
- މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ، 42
- ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ، 28
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މިއީ އިންތިޒާމްވެގެން ފުޅާ ދާއިރާއެއްގައި ހިންގާފައިވާ ކުށެއްކަމަށް ބުރަވެވޭ ކަމަށެވެ.
އޭގެ އިތުރުން ގިނަ ބަޔަކު ޝާމިލްވެގެން ކުށްކުރާ ނެޓުވޯކަކުން ހިންގާފައިވާ ކުށެއްކަމަށް ބުރަވެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.

