
ރަސްމާލެއިން 15،000 ގޯތި ދޫކުރަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ ސްޕީޑް 3 ގުނައަށް އިތުރުކުރާނެ ކަމަށާއި އިތުރު ޑްރެޖަރުތައް ގެނައުމަށް އެގްރީމަންޓްކޮށް ފައިސާ ވެސް ދައްކާފައިވާނެ ކަމަށެވެ. އަދި މާލެ ސަހަރައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާޢިމީ ޙައްލެއް ގެނުވާނެކަމަށާއި ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ރަސްމާލެއިން 15،000 ގޯތި ދެވޭ މިންވަރަށް ހިއްކާ ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިގޮތުން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލާނީ މާލޭގެ ރައްޔިތުންނާއި މާލެ ސަރަހައްދުގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާ ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިރާވަރު ފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ވެސް މި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު އެބަ ހިމެނޭ، މާލެ ސަރަހައްދަށް ދާއިމީ ޙައްލެއް ގެންނާނެ މަޝްރޫޢުތައް. ރަސްމާލެ ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބިންހިއްކާ އެންމެ ބޮޑު މަޝްރޫޢުއަށް.” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި 3،000 ހައުސިންގ ޔުނިޓް، ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ތަރައްޤީ ކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވޭނެ ކަމަށެވެ. އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4،000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ޖުމްލަ 7،000 ހައުސިންގ ޔުނިޓް މާލެ ސަރަހައްދުގައި ޢަމަލީ ގޮތުން ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމައެހެންމެ، ވަކިވަކި ދާއިރާތަކަށް ޚައްޞަ ކުރެވޭ ހައުސިންގ ޔުނިޓްތައް ހުންނާނެ ކަމަށާއި ޚާއްޞަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކަނިވެރި މައިން އަދި ޒުވާނުންނަށް ޚާއްޞަކޮށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“މާލެ ރަށްވެހިން، ދަފްތަރު، ނުކުޅެދުންތެރިކަން ހުންނަ މީހުން، އެކަނިވެރި މައިން، ޒުވާނުން، އަދި ވަކިވަކި ދާއިރާތަކަށް ޚާއްޞަކޮށް ކަނޑައެޅި ބޯހިޔާވަހިކަން، މި ހުރިހާ ފަރާތްތަކެއް ޝާމިލުވާގޮތަށް ކުރިމަތިލާން ހުޅުވާލާނީ” ރައީސް ވިދާޅުވިއެވެ.
ރަސްމާލެ އާބާދުވުމުން ރަސްމާލެއާ މާލެއާ ދެމެދު ފެރީގެ ނިޒާމެއް ޤާއިމުކުރުމާއި ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާޙް ކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

