
ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދީނީ އަޚްލާޤް އަދި ޚިޔާލާއި މަޝްވަރާއަށް އިސްކަންދެއްވާ ވެރިއެއް ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވިރާސީ ރަސްކަމުން ޖުމްހޫރީ ވެރިކަމުގެ ނިޒާމަށް ދިވެހިރާއްޖެ ބަދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތްތައް ހޯދުން ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބު ކުރާ ވެރިއަކު ރައްޔިތުންނަށް އަމާނާތްތެރިކަމާއެކު ވެރިކަންކޮށްދޭން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ، ހެޔޮ ވެރިއެއްގެ ކިބައިގައި އަމާނާތްތެރިކަމާއި ޢަދުލުވެރިކަން ހުންނަންވާނެ ކަމަށާއި ދީނީ އަޚްލާޤަށާއި ޚިޔާލާއި މަޝްވަރާއަށް އިސްކަންދެއްވުމަކީ ރަނގަޅު ވެރިއެއްގެ ސިފަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ވެރިކަމެއް ޤާއިމުކުރަން ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާކަން ވަޒީފު ފާހަގަ ކުރެއްވިއެވެ.
“ވެރިއެއްގެ ކިބައިގައި ދީނީ ގޮތުން ނުރަނގަޅު، ރަނގަޅު ދެނެގަތުމުގެ ޤާބިލުކަމާއި ރައްޔިތުންގެ ޙާލު ދެނެގަތުމުގެ ޤާބިލުކަން ހުންނަންޖެހޭނެ” ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކޮށްލެވެނީ ދީނާއި ޤައުމިއްޔަތަށް ޚާއްސަ އިސްކަމެއްދެއްވާ، ރައްޔިތުންނާއި ވަރަށް ގާތުން ވެރިކަން ކުރައްވާ ވެރިއެއްގެ ގޮތުގައި ކަމަށެވެ.
ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަން ޖުމްލަ 7 ބޭފުޅަކު ވަނީ ކުރައްވާފައެވެ. އެއީ ރައީސް އަމީން، ރައީސް ނާޞިރު، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައީސް މުޙައްމަދު ނަޝީދު، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. އަދި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހި ޖުމްހޫރިއްޔާގެ 8ވަނަ ރައީސެވެ.

