
އެހެން ގައުމުތަކުން ބޭނުންނުކޮށް ހުންނަ ހައްޖުކޯޓާ ރާއްޖެއަށް ލިބޭނެގޮތް ހަދަން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ހައްޖުގެ ހިދުމަތާ ބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކުރުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ ތައުފީގު ބިން ފައުޒާނު އައްރަބީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އެވެ.
ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދެއެވެ.
އެހެން ނަމަވެސް އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތައް ސައުދީއިން ކުރިއަށް ގެންދާ (ހައްޖު މުބާޝިރު) އިނިޝިއޭޓިވް އިން ރާއްޖެއަށް ފުރުސަތު ހޯދަން މިއަދު މަޝްވަރާ ކުރިކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން މިއަދު ސޮއިކުރި ހައްޖު ހިދުމަތާ ބެހޭ އެއްބަސްވުމަކީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެކެވެ.
އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ކުރިއަށް އޮތް ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތަކެވެ. އެގޮތުން ހައްޖުގެ ހިދުމަތަށް ފައިސާދައްކާނެ ގޮތާއި، ރާއްޖެއިން ހައްޖުގެ ހިދުމަތްދޭ ކުންފުނިން ހިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖު މިޝަން ގާއިމު ކުރުމާއި އެފަދަ މުހިންމު ކަންކަން ބަޔާންކޮށްފައި ހުރެއެވެ.

