
ވޭތުވެ 48 ގަޑިއިރު ތެރޭގައި ހުޅުމާލޭ މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުކޮށްފައި ހުރި 21 އުޅަނދެއް ޓޯކޮށް، 34 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތަފާސްހިސާބު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެ ނަންބަރުތަކުން އެނގޭ ގޮތުގައި، ވޭތުގެ ދިޔަ 48 ގަޑިއިރުތެރޭގައި ހުޅުމާލޭ 18 ސައިކަލާއި 3 ކާރު ވަނީ ޓޯކޮށްފަ އެވެ. އަދި 30 ސައިކަލަކާއި 4 ކާރު ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ޖޫރިމަނާކުރި އުޅަނދުތަކުގެ ތެރޭގައި އުޅަނދުގެ އަސްލަށް ބަދަލު ގެނެސްގެން ދުއްވަމުން ދިޔަ 2 ސައިކަލު ހިމެނެ އެވެ. އަދި ލައިސަންސް ނެތި ދުއްވި 9 ސައިކަލާއި، ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވި ތިން ސައިކަލާއި 1 ކާރު ހިމެނެ އެވެ.
ފުލުހުން ހުޅުމާލޭ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލުތައް ކޮންމެ ދެ ދުވަހަކުން ދަނީ އާންމު ކުރަމުންނެވެ.

