
ވަޒީފާތަކާއި އެޕްރެންޓިސްގެ ފުރުސަަތުތައް ހިމެނޭ “ވަރަ އެކްސްޕޯ” މިއަދު ފަށައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމްކޮށްގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ އެކްސްޕޯ ފެށީ މިއަދު ހަވީރު، ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
އެކްސްޕޯ ހުޅުވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ ފާއިތުވި ދެ އަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ކާމިޔާބު މަސައްކަތްތައް ދައްކުވައިދޭ ހާއްސަ ފޮތް، “ކުރިމަގަށް ތައްޔާރު ދިވެހިރާއްޖެ- ތައުލީމާއި ތަމްރީނުގެ އާ ޒަމާނެއް” ނެރެވެސް ދެއްވާފަ އެވެ.
އެ އެކްސްޕޯގައި، ތައުލީމާއި، ތަމްރީނާއި، ހުނަރާ ގުޅުންހުރި މުއައްސަސާތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 166 އެގްޒިބިޓަރުން ބައިވެރިވެއެވެ.
އަދި އެ އެކްސްޕޯ މެދުވެރިކޮށް، ވަޒީފާ އާއި ދަސްވާރުކަމުގެ ފުރުސަތުތައް ވަނީ ހުޅުވާލައިފަ އެވެ.
އޭގެ އިތުރުން، ވަޒީފާގެ ބާޒާރާއި، ތަޢުލީމާއި، ތަމްރީނާ ގުޅުންހުރި މަސައްކަތުބައްދަލުވުންތަކާއި ޕެނަލް ޑިސްކަޝަންތައްވެސް އެ އެކްސްޕޯގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

