
ރޯކޮށްލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އައްޑޫ ސިޓީ މީދޫގައި ހުންނަ މަތިކިޅީ އިކޯ ގާޑަން މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ މަތިކިޅީ މަރާމާތުކުރުމުގެ ފޭސް ދޭއްގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި އަދި މި މަހުގެ 25 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އެކަމާ ގުޅޭ ބީލަން ހުޅުވުން އޮންނާނެ ކަމަށެވެ.
އެ މަސައްކަތަށް ބީލަން ހުށަހެޅޭޏީ ރާއްޖޭގައި އެ ބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް އެކަނިކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލްއިން ބުންޏެވެ.
މަތިކިޅި އިކޯގާޑަން މަރާމާތުކުރުމަށް ތައްޔާރުވަމުން އަންނައިރު ތަކުރާރުކޮށް އެތަނުގައި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުން ނެވެ. އެ ގާޑަންގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާއިން ބުނީ އެތަނުގައި ބަޔަކު އަލިފާން ގަސްތުގައި ރޯކުރަމުންދާ ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހުވެސް އެ ގާޑަންގައި ރޯކޮށްލިއިރު މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުވެސް ރޯވެ އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މީދޫގެ މަތިކިޅީގައި އީކޯ ގާޑެނެއް ހަދާފައިވާއިރު އެއީ އައްޑޫގެ އެންމެ ރީތި އެއް ތަނެވެ. އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހީންގެ މެދުގައި ވެސް މަގުބޫލު ކުޅިއެކެވެ.

