
މިދިޔަ މަހުގެ ތެރޭ މާލޭ ޕޮލިސް ކޮމާންޑުން ގާތްގަނޑަކަށް ފަސް މިލިއަނެއްހާ ރުފިޔާގެ މުދާ ރިކަވާކޮށްފައިވާއިރު، އޭގެ ތެރެއިން ގެއްލިގެން ހޯދި ތަކެތީގެ ތެރެއިން އެންމެ ގިނައީ ސައިކަލު ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހާއްސަކޮށް މާލޭގައި ސައިކަލު ގެއްލޭ މައްސަލަތައް އިތުރުވެފައިވާއިރު، އެތަކެތި ހޯދަން ފުލުހުން ބުރަ މަސައްކަތް ކުރަން ޖެހެ އެވެ.
ފުލުހުންގެ މާލެ ޕޮލިސް ކޮމާންޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ފުލުހުން އެންމެ ގިނައިން ހޯދީ ގެއްލިގެން ރިޕޯޓްކޮށްފައިވާ ސައިކަލެވެ. އެތަކެތީގެ އަގު 4.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ދެން އެންމެ ގިނައިން ހޯދާފައި ވަނީ ގެއްލިގެން ރިޕޯޓުކޮށްފައިވާ 31 ފޯނެވެ. އެތަކެތީގެ އަގު 302،830 ރުފިޔާއަށް އަރަ އެވެ. އޭގެ އިތުރުން 12 އިލެކްޓްރޯނިކް އާލާތް ހޯދާފައިވާއިރު، އެތަކެތީގެ އަގު 62،565 ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ފައިސާ ވަގަށް ނެގުމުގެ 32 މައްސަލައެއްގައި 324،344 ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

