
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އައްޑޫ ސިޓީގައި 1000 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް މޯލްޑިވްސް ޓޫރިޒަމް އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ރޭ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރޭ ރައީސް އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.
މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ. އަދި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒެވެ.
މިއެއްބަސްވުމުގެ ދަށުން އައްޑޫގައި 600 ކޮޓަރި ނުވަތަ 1،000 އެނދުގެ މަޝްރޫއެއް ހިންގާނެ އެވެ.
އައްޑޫ ސިޓީގައި 6000 ޓޫރިސްޓް އެނދު ގާއިމުކުރިއަށް ކުރިއަށް ގެންދާ އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން” އިފްތިތާހުކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ސަރުކާރުން އޭރު ބުނެފައި ވަނީ އެ ޕްލޭނަކީ ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން، އައްޑޫ ސިޓީގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި އެކުލަވާލާފައިވާ ޕްލޭނެއް ކަމަށެވެ.

