
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ، އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
އޭނާގެ ލިންކެޑިން އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ފުންކޮށް އެކަމާމެދު ވިސްނެވުމަށް ފަހު ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ވިދާޅެއް ނުވެއެވެ.
ފަޖުވާއަކީ އެކައުންޓިން ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ޕެންޝަން އޮފީހުގެ ސީއެފްއޯގެ މަގާމަށް އައްޔަނުކުރީ، ކުރީގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައި އޮކްޓޯބަރު 2023 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓަންޓުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ފަޖުވާ އިސްތިއުފާ ދެއްވިއިރު، ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލަ އޮތީ ފެންމަތިވެފަ އެވެ. އެކަމާ ހިތްހަމަ ނުޖެހިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

