
ފުވައްމުލައް ސިޓީގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފުވައްމަލައް ސިޓީއާއި އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުވައްމުލަކަށް ވަޑައިގެން އެ ރަށުގެ ކުނި މެނޭޖްކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތާއި ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވާދެއްވާފައެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގައި ޤާއިމްކުރެވޭ 400 ހައުސިންގ ޔުނިޓުތަކުގެ ޢަމަލީ މަސައްކަތް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވާދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފުވައްމުލަކު ހޮސްޕިޓަލްގެ ސީޓީ ސްކޭން ޚިދުމަތް ފައްޓަވައިދެއްވާ އެތަން ބައްލަވާލައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވެއެވެ.

