
މަސައްކަތުގެ މާޙައުލުގައި މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެ މަނިކުފާނު ސޯޝިއަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެމްޕީއެލް ބަނދަރު ސަރަހައްދު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ދިވެހި ޒުވާނަކާއި ބަގްލަދޭޝްގެ ޒުވާނަކު ނިޔާވުމާ ގުޅިގެން، އެ ދެ މަރުޙޫމުންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށެވެ.
އަދި ނިޔާވި ދެ ޒުވާނުންކަމަށްވާ ޢަލީ އަފްލާޙް ޢަބްދުﷲ އާއި މަސްޢޫދު ޙުސައިންއަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ.
މީގެ އިތުރުން އެ މަނިކުފާނުވަނީ މަސައްކަތުގެ ކޮންމެ މާޙައުލެއްގައި ވެސް މަސައްކަތްތެރީންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ކޮޅުވެއްޓި ބަންޑުޖަހާލި ޙާދިސާގެ އެތެރޭގެ ތަޙްޤީޤެއް ފަށައިގެން ކުރިއަށްގެންދާކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑުން ވަނީ ބެނެފައެވެ.

