
ހުޅުމާލެއިން ބަނގުރަލުގެ ވިޔަފާރިކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ނޭޕާލަށް ނިސްބަތްވާ ރައްޔިތެއްކަމަށްވާ ޢުމުރުން 34 އަހަރުގެ ރަބީޗަންދަރަ ތިންގްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ގައި ޕްޓްރޯލްކުރަން އުޅުނު ފުލުހުންނަށް އޭނާގެ ޢަމަލުތަކުން ޝައްކުވެގެން އޭނާގެ ހުއްޓުވައި ބަލައި ފާސްކުރުމުން ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ 500 އެމްއެލްގެ 2 ފުޅި ފެނިފައިވާތީކަމަށް ފުލުހުން ބުނެއެވެ.
އަދި އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކޮށް ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ 500 އެމްއެލްގެ 45 ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަހްޤީޤު ކުރަމުންދާކަމަށް ވެސް ފުލުހުން ބުނެއެވެ.

