
ނަސްރުގެ ދުވަހުގެ މުނާސަބާތުގައި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް އެރުވި ޝަރަފުވެރި އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހިން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 3, 1988 ގައި ލަންކާގެ ތަމަޅަ ޖަމާއަތަކާއި ދިވެހިންގެ ބަޔަކު ގުޅިގެން އޭރު އޮތް މައުމޫނުގެ ސަރުކާރު ވައްޓާލުމަށް ދިން ހަމަލާ އިން ސަލާމަތްވެ ލިބުނު ނަސްރާ ގުޅިގެން ކޮންމެ އަހަރަކު ވެސް ނަސްރުގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެ އެވެ.
މިއަދު ދުވަހުގެ މުނާސަބަަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ހިދުމަތަށް އަގު ވަޒަންކުރުމަށް އައްޑަނަ އަރުވައިފަ އެވެ.
އެކަމާ ގުޅިގެން މައުމޫން އެކްސްގައި ލިއުއްވީ “އަޅުގަނޑުގެ ނަޒަރުގައި މި ފަޚުރުވެރި އައްޑަނައިގެ ހައްގުވެރި ވެރިންނަކީ ހިތްވަރު ގަދަ ލޮބުވެތި ދިވެހި ރައްޔިތުން،” ކަމަށެވެ.

