
ސަރުކާރުން 2026 ވަނަ އަހަރަށް ހުށަހެޅީ މި އަހަރަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ ސޯޝަލް މީޑިއާގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މިއަންނަ އަހަރަށް ހުށަހެޅުނު ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއްކަމަށާއި އެ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިޔަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާކަމަށެވެ.
މީގެ ތެރެއިން 49.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުގެ ގޮތުގައި ހިމަނާފައެވެ. އަދި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 40.4 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ.
މި އަހަރަށް ސަރުކާރުން ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން 2025 ވަނަ އަހަރަށް ހުށަހެޅުނުގެ ބަޖެޓަށް ވުރެން 2026 އަހަރަށް ހުށަހެޅިފައިވާ ބަޖެޓް 1.6 އަށްވުރެން ކުޑައެވެ.

