
ކ. ތުލުސްދޫއަށް އެހެން ރަށްރަށުން މީހުން ބަދަލުކުރާނީ އެ ރަށުގެ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ފަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސުނާމީގައި ގެދޮރު ހަލާކުވި ދ. ރިނބުދޫ މީހުން ވެސް ބަދަލުކުރި ތުލުސްދޫ އަކީ މިހާރު ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެކެވެ. އަދި މިހާރު ވެސް އާބާދީ މަދު ބައެއް ރަށްރަށުގެ މީހުން އެ ރަށަށް ބަދަލުވާން ދަނީ ޝައުގުވެރިކަން ފާޅުކުރަމުން ނެވެ.
ނަމަވެސް ތުލުސްދޫގެ ބިމުގެ އަގު ލޯކަލް ޓޫރިޒަމްއާއެކު މައްޗަށް ޖެހިލާފައިވާ އިރު އެ ރަށުގެ މީހުންނަށް ވެސް މިހާރު ބޭނުންވާ ވަރަށް ބިން ނެތި ބޯހިޔާވަހިކަމަށް ވަނީ ޖެހިފަ އެވެ.
ރައީސް މުއިއްޒު މިއަދު ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި އެ ރަށަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ރަށެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ތުލުސްދޫގެ ރައްޔިތުންނަކީ މިގޮތަށް ތަރުޙީބުދޭ، ވެލްކަމް ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން އަޅުގަނޑަށް އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާވަރަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމަށްފަހު، ދެން މި ރަށަށް އެހެން ރަށްރަށުން ހިޖުރަކުރަން، ނޫނީވިއްޔާ އާބާދީ އެއްފަސްކުރަން ބޭނުންވާ ރަށްރަށުގެ ރައްޔިތުންވެސް ގެނެސް، މި ރަށުގައި ގާއިމުކުރެވޭ ގޮތަށް، ރަށުގެ ރައްޔިތުންގެ ހިޔާލާއި، މަޝްވަރާއާ އެކުގައި ސަރުކާރުން ބޭނުންވަނީ ކުރިއަށްދާން.” ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ތުލުސްދޫގެ ހިއްކިފައިވާ ބިމުން ގޯތިލިބި، އެ ގޯތިތަކުގައި ގެދޮރުއެޅުމާއި، ހައުސިންގެ މައްސަލަ ހައްލުވުމަކީވެސް، ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެކަމަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްތަކެއް ކުރަން ނިންމާފައި އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

