
ޅ. އަތޮޅު އޮޅުވެލިފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް އަންނަ ރޯދައިގެ ކުރިން ހައްލުކޮށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އޮޅުވެލިފުށީގެ ރައްޔިތުންނާ މިއަދު ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވުން އެމަނިކުފާނު ވިދާޅުވީ އޮޅުވެލިފުށީގައި ކުރިއަށްގެންދާ އެއްވެސް މަޝްރޫއޫއަކަށް މަޑުޖެހުމެއް ނާންނާނެކަމަށާއި ބާރު ސްޕޯޑުގައި ހުރިހާ މަޝްރޫއުއެއް ވެސް ކުރިއަށް ދާނެކަމަށެވެ. އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކުގެ ސަބަބުން ނަރުދަމާގެ މަސައްކަތް ނިމިފައި އޮތް ނަމަވެސް ނަރުދަމާގެ ބޭނުން ކުރެވިފައިވާމަށާއި ޞިއްޙީ މަރުކަޒުގެ ބޭނުން ވެސް އެދެވޭ ގޮތުގައި ބޭނުން ކުރުމަށް ދަތިތަކެއް ކުރިމަތި ވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަރަންޓުގެ މައްސަލަތައް އެންމެ ލަސްވެގެން ރޯދައިގެ ކުރިން ހައްލުކޮށްދެއްވާނެ ކަމަށާއި ފެނަކައަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީ ވަރަށް ގާތުން އެކަން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
” އަމާޒަކީ މިއަހަރު ތެރޭގައި ނަރުދަމާގެ މައްސަލައަށް ހައްލުގެނައުމަށްޓަކައި އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަރަންޓު މައްސަލައަށް ބޭނުންވާ ވަރަށް ހައްލުކޮށްދިނުން، އެންމެ ލަސްވެގެން ރޯދައިގެ ކުރިން މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން.” ރައީސް ވިދާޅުވިއެވެ.
މިދަތުރުފުޅުގައި ވަނީ ތަރައްޤީގެ ގިނަ މަޝްރުއޫތަކެއް އޮޅުވެލިފުށީގައި ފައްޓަވައިދެއްވާފައެވެ. އޮޅުވެލިފުއްޓަށްފަހު ދެން އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅު ކުރެންދޫއަށެވެ.

