
މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ 45 ޕަސެންޓް ޗުއްޓީ ހޭދަކޮށްފައި ވަނީ މާލެ އަތޮޅުގެ ޓޫރިސްޓު ފެސިލިޓީތަކުގައި ކަމަށް ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1,636,489 މިލިއަން ޓޫރިސްޓުން އައިސްފައިވެއެވެ. މީގެތެރޭން 735,984 ޓޫރިސްޓުން (%45) ޗުއްޓީ ހޭދަކުރީ މާލެ އަތޮޅުގެ ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސްތަކުގައެވެ.
މާލެ އަތޮޅު ފިޔަވައި ދެން އެންމެ ގިނައިން ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ އއ. އަތޮޅުގައެވެ. އެ އަތޮޅުގައި 142,194 ޓޫރިސްޓުން ނުވަތަ %8.7 މީހުން ޗުއްޓީ ހޭދަކޮށްފައި ވެއެވެ. މީގެ އިތުރުން ދެން އެންމެ ގިނައިން ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރ .އަތޮޅުގައެވެ. މި އަތޮޅުގައި 127،691 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ދައްކައެވެ. އަދި އދ. އަތޮޅުގައި ވެސް 106،849 ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރިކަމަށް ތަފާސް ހިސާބުތަކުން އެނގެން އެބައޮތެވެ.
ސެޕްޓެމްބަރު މަސް ނިމުނުއިރު، ރިސޯޓްތަކުގައި 1,203,865 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައި ވެއެވެ. މިއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 73 ޕަސެންޓެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 355,389 ޓޫރިސްޓުން މަޑުކޮށްފައި ވެއެވެ. މިއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 21.7 ޕަސެންޓެވެ. އަދި ހޮޓެލްތަކުގައި 42,271 ޓޫރިސްޓުން އަދި ސަފާރީތަކުގައި 33,670 ޓޫރިސްޓުން މަޑުކުރި ކަމަށް ދައްކައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު މިހާތަނަށް 1.7 މިލިއަން މީހުން އައިސްފައި ވެއެވެ. އަދި މި އަހަރު 2.3 މިލިއަން މީހުން އަންނާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައި ވެއެވެ.

