
ހުޅުމާލޭ ދެވަނަ ފޭސްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ 4000 ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދޭން ފަށައިފިއެވެ.
ހުޅުމާލޭގައި އެފްޑީސީއިން އިމާރާތްކޮށްފައިވާ އަމާން، އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓުގެ ޚިދުމަތް މިއަދު ފޯރުކޮށްދީފައި ވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފައިވެއެވެ.
ފަހި ދިރިއުޅުން މަޝްރޫއުގައި ޖުމްލަ 32 ޓަވަރު ހިމެނެއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވިގެން ކުރިއަށް ގެންދަނީ 2 ކުންފުންޏަކުންނެވެ. އެއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އިން 16 ޓަވަރު، އަދި އަނެއް 16 ޓަވަރުގެ މަސައްކަތް ކުރިއަށް ގެންދަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮންޕެނީ (އެންބީސީސީ) އިންނެވެ. މި ޓަވަރުތަކުގައި 900 އަކަފޫޓުގެ 3 ކޮޓަރީގެ 2800 އެޕާޓްމަންޓާއި، 650 އަކަފޫޓުގެ 2 ކޮޓަރީގެ 1200 އެޕާޓްމަންޓެވެ.
ފަހި ދިރިއުޅުން ފްލެޓްތައް ލިބިފައިވާ ޙައްޤުވެރިންގެ ތެރެއިން ބައެއް ފަރާތްތަކަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކުރެވިފައިކަމަށް އެފްޑީސީން ބުނެއެވެ. އަދި އިތުރު ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުނެފައި ވެއެވެ.

