އަންނަ އަހަރު ސީއެމްބިއުލާންސްގެ ފްލީޓު ބޮޑުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށާއި، އެއާއެކު މާވަށުގައި ސީއެމްބިއުލާންސްގެ ޚިދުމަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއާއެކު މިހާރު ކުރިމަތިވެފައި އޮތް ބަލި މީހުން ކުއްލި ޙާލަތްތަކުގައި އުފުލުމަށް އޮތް މައްސަލައަށް ޙައްލެއް އަންނާނެކަމަށެވެ.
ހައްދުންމައްޗަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއާއި ގުޅުންހުރި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެންމެ ބޮޑު އެއް މައްސަލައަކީ ރަށުގެ ސިއްޙީ ޙާލަތު އޮތްގޮތްކަން ފާހަގަކުރައްވާ އެކަމަށް ޙައްލު ގެނެސްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ކުއްލި ޙާލަތްތަކުގައި ފަރުވާ ދިނުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބަލި މީހުން އުފުލުމުގައި ކުރިމަތިވާ ގޮންޖެހުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަށް ޙައްލު ގެނެސްދެއްވުމަށް އަންނަ އަހަރު ސީ އެމްބިއުލާންސްގެ ފްލީޓު ބޮޑު ކުރައްވާނެކަމަށެވެ. އަދި މިރަށުގައި ޤާއިމުވެ އޮންނާނެ ސީއެމްބިއުލާންސެއް އެއާއެކު އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ރަށުގެ ސިއްޙީ މަރުކަޒު ކުރިއަށް އޮތް ދުވަސްވަރުގެ ތެރޭގައި ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުން ގެންގުޅުއްވާ ވިސްނުންކަން ހާމަކުރެއްވިއެވެ. އެގޮތުން ސިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ބައްޓަންކުރަމުންދާނީ އެގޮތަށްކަމަށް ވިދާޅުވިއެވެ.
“ޞިއްޙީ މަރުކަޒަށް ރަނގަޅު ފެންވަރުގެ ކުރިއެރުމެއް ގެނެސްދިނުމަކީ އަޅުގަނޑުވީ ވައުދެއް. އެގޮތުން މިމަހު ކުންފުންޏަކާއެކު އެގްރީމެންޓް ހެދުމުގެ މަސައްކަތް ނިންމަން އެބަ. މިގޮތުން އެޅޭ އިމާރާތުގައި 4 އެނދުގެ ވޯޑަކާއި، ނަރސް ސްޓޭޝަން، ޕަބްލިކް ހެލްތު ޔުނިޓް، ކޮންފަރެންސް ރޫމް، ލެބް، ލޯންޑްރީ، ގަރާޖު ސްޓޯރޭޖު، މި ހުރިހާ ތަނެއް ހިމެނޭ އިމާރާތެއް އެޅުން. އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ހަވާލުކުރެވި މިއަހަރުގެ ތެރޭގައި އަމަލީގޮތުން މަޝްރޫޢު ފެށިގެންދާނެ. މިއީ ހޮސްޕިޓަލެއްގެ ސްޓޭޓަސްއަށް ގެނެއުމަށްޓަކާ ކުރެވޭ މަސައްކަތެއް.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެރަށުގައި މިވަގުތު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢާ ގުޅޭގޮތުންވެސް ވަނީ އަލިއަލުއްވާލައްވާފައެވެ. މި މަޝްރޫޢުގެ ދަށުން އިތުރުކުރެވޭ 15 ހެކްޓަރާއެކު މުޅި މަޝްރޫޢު ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ރަށަށް އިތުރުކުރެވޭ ބިމުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެންމެ އަވަހަށް ފެށިގެންދާނީ ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުންކަމަށާއި، އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށެވެ. އަދި އެ ސަރަޙައްދަށް ބޭނުންވާ ފެނާއި ނަރުދަމާ ޤާއިމުކުރެވުމުން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ މާވަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސުލްޖުުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ލ. އަތޮޅުގައި އިތުރު އެއަރޕޯޓެއް އޮންނަންޖެހޭކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށެވެ. އަދި އެއަރޕޯޓު ތަރައްޤީކުރުމަށް ސަރުކާރުގެ ވިސްނުމަކީ ދުރުރާސްތާގައި ހައްދުންމައްޗަށް ތަރައްޤީ އަންނާނެ ގޮތަކަށްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަން ތަރައްޤީކުރެވޭނެގޮތަށް ރައްޔިތުންނަށާއި މުޅި އަތޮޅަށް އޭގެ ނަފާ ލިބޭނެ ގޮތަކަށް އެކަން ވަރަށް އަވަހަށް ފެއްޓެވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.