ލ. އަތޮޅުގައި ތަރައްޤީކުރާ 2 ވަނަ އެއަރޕޯޓަކީ މުޅިއަތޮޅަށްވެސް އިޤްތިޞާދީ މަންފާ ލިބޭނެފަދަ ގޮތަކަށް ބަލައިގެން ތަރައްޤީކުރެވޭ އެއަރޕޯޓެއްކަން ޔަގީންކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެއަރޕޯޓު މަޝްރޫޢަކީ މުޅި މިއަތޮޅަށްވެސް މުހިއްމު މަޝްރޫއެއްކަމަށެވެ. އެކަން ސަރުކާރުން ކުރިއަށްގެންދަވާނީ ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާ ވާނެގޮތެއް ބަލާފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިދަތުރުފުޅުގައި އެމަސައްކަތް އިއުލާނު ނުކުރެއްވިނަމަވެސް އެކަމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ހިތަދޫއިންވެސް މުހިއްމު ދެކޮޅުޖެހޭ ޕްރޮޕޯސަލެއް ހުށައަޅުއްވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
“އަޅުގަނޑަށް އެނގޭ މިރަށުގެ ރައްޔިތުންވެސް އެންމެ ބޮޑަށް އިންތިޒާރުކުރާ މަޝްރޫޢަކީ އެއަރޕޯޓު މަޝްރޫޢުކަން. އެމަސައްކަތް މިއަތޮޅުގައި ކުރިއަށްދާނެކަމުގެ ޔަގީންކަންދެން. ސަރުކާރުން އެ މަޝްރޫޢު ކުރިއަށްގެންދާނީ އިޤްތިޞާދީގޮތުން އެންމެ ރަނގަޅުގޮތެއް ބަލާފައި. އެހެންވެ ކުޑަ ވަގުތުކޮޅެއް ނަގަނީ.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ޢަމަލީ މަސައްކަތް ފެށިގެން މިދިޔަ ކޮންމެ މަޝްރޫޢަކީ ވަޢުދުވީގޮތަށް ކުރިއަށްގެންގޮސް ނިންމަވާނެ މަޝްރޫޢުތަކެއްކަމަށެވެ.
ސިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ހިތަދޫގައި ފެށިގެން މިިދިޔަ މަސައްކަތަކީ ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބިގެންދިޔަ ބާރެއްކަމަށް ރައީސް ވިދާޅުވިއެވެ. 4 އެނދުގެ ވޯޑާއެކު އިތުރު ޚިދުމަތް ޤާއިމުވެގެންދިޔުމުން ހޮސްޕިޓަލަކަށް ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އިތުރު މުވައްޒަފުން ހިތަދުއަށްވެސް ނަގާނެކަމަށް ރައީސް ވިދާޅުވިއެވެ.
ހިތަދޫގެ ސްކޫލްގެ މަސައްކަތް ފެށުމަށްވެސް މަސައްކަތް ކުރަމުންދާއިރު ހަފްތާއެއްގެ ތެރޭގައި ހަވާލުކޮށް މިއަހަރުގެ ތެރޭގައި މަސައްކަތް ޢަމަލީގޮތުން ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ބީއެމްއެލްގެ ބްރާންޗްގެ މަސައްކަތާއި ހިތަދޫއާއި ކުނަހަންދޫގެ ކޯޒްވޭގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން ހިތަދޫގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.