ބައެއް ގައުމުތަކުގައި އަސާސީ މުދަލުގެ ލިސްޓެއް ނޯވެ އެވެ. މިސާލަކަށް ބުނާނަމަ އޮސްޓްރޭލިއާގައި ލިފަދަ ލިސްޓެއް ނެތްނަމަވެސް ޓެކުހުން އިސްތިސްނާވާ އަސާސީ ކާނާގެ ބާވަތް ތަކެއް ހިމެނެ އެވެ. އަދި އެމެރިކާ އަށް ބަލާނަމަ ސީދާ މިފަދަ ލިސްޓެއް ނެތްނަމަވެސް އަސާސީ ގޮތުން ބައެއް ތަކެތި ލިބިދޭން ލާޒިމް ކުރާ އުސޫލުތަކެއް އޮވެ އެވެ. ނަމަވެސް ރާއްޖެއާ އެންމެ ގާތުން އަވަށްޓެރި ސްރީލަންކާގެ ކޮންސިއުމާ އެފެއާސް އޮތޯރިޓީ އެކްޓުގެ ދަށުން އަސާސީ މުދަލުގެ ލިސްޓެއް އޮވެ އެވެ. އަދި އަވަށްޓެރި އިންޑިއާގައި 1955 އަހަރުން ފެށިގެން އަމަލު ކުރަމުން ގެންދާ “ދި އެސެންޝަލް ކޮމޮޑިޓީސް އެކްޓް” ނުވަތަ އަސާސީ މުދަލުގެ ލިސްޓެއް އޮވެ އެވެ. މި ލިސްޓުގައި ހަތް ބާވަތެއް ހިމެނެ އެވެ. އަދި ރާއްޖެއާ ތަންކޮޅެއް ދުރުން ބަލާނަަމަ މެލޭޝިއާ އާއި ފިލިޕީންސްގައި ވެސް މިފަދަ ލިސްޓެއް އޮވެ އެވެ. ބޭނުމަކީ ތަކެތީގެ އަގު އުފުލުމާއި ބާޒާރަށް އަންނަ ލޮޅުމުން އަންނަ ބަދަލުތަކުގެ ރައްޔިތު މީހާއަށް ކުރާ އަސަރު ކުޑަކޮށް ދިނުމެވެ. މި މަގުސަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް މިވަނީ ރާއްޖޭގައި ކުރިން އަސާސީ މުދަލުގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ “ސްޓެޕުލް ފުޑް” ނުވަތަ އަސާސީ މުދަލުގެ ތިން ބާވަތް ކަމަށްވާ ހަނޑުލާއި ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް އިތުރު 21 ބާވަތެއް އިތުރުކޮށްފަ އެވެ. މި ބަދަލު ވެގެން ދަނީ ޒަމާނާއެކު މުހިންމު ބަދަލެއްގެ ގޮތުގަ އެވެ.
“މި ލިސްޓަށް އިތުރު ބާވަތް ތަކެއް ހިމަނަން ސަރުކާރުން ނިންމީ ޒަމާނަށް އައި ބަދަލާއެކު ރައްޔިތުންގެ ބޭނުންތައް ބަދަލު ވެފައިވާތީ އެކަމަށް ރިއާޔަތްކޮށްފަ،” މި ބަދަލު ގެނައި ސަބަބާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
މި ބަދަލު ވެގެންދަނީ އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ) ވުޖޫދުވުމަށްފަހު އައި އެންމެ ބޮޑު ބަދަލަށެވެ. އޭޓީއޭގެ ދުވަސްވަރު 12، ޖޫން 1965 ގައި ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓް ސަރުކާރު އުފެއްދައި އޭރުގެ ސަރުކާރުން ބަރާބަރަށް މިކަން ބަލަހައްޓަމުން ގެންދިޔަ އެވެ. މިގޮތުން އޭރުގެ ވަލީއުލްއަމްރުގެ އަޕް ފުޅަށް ކޮންމެ ދުވަހަކުވެސް ރާއްޖޭގައި ހުރި ކާޑުގެ އަދަދު އެނގޭނެ ލިސްޓެއް ގެނެސްދޭން ލާޒިމް ކުރެ އެވެ. އަދި އެ ލިސްޓު ބައްލަވައި މަދުވަނީ ކޮން ބާވަތްތަކެއްތޯ ޔަގީންކުރެ އެވެ. އަދި މަދުވާނަމަ އަވަހަށް އެ ބާވަތެއް ބޭރުން ގެނެ އެވެ. މީގެ 60 އަހަރުފަހުން މިވަނީ މި ލިސްޓަށް ތަރުކާރީގެ 10 ބާވަތާއީ މޭވާގެ 10 ބާވަތުގެ އިތުރުން ރީނދޫ މުގާއި ކުކުޅުބިސް އިތުރުކޮށްފަ އެވެ.

މި އިތުރު ކުރުން ވެގެންދަނީ ދިވެހިން ބޭނުންވާ ނިއުޓްރިޝަން އިންޓޭކް ނުވަތަ ކޮންމެ ދުވަހެއްގެ ނިއުޓްރިޝަނަށް ބޭނުންވާނެ ބާވަތްތައް ހަމަ ކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ. މި ފިޔަވަޅާ ހަމައަށް ސަރުކާރު ގެންދިއުމުގައި ބާޒާރުން ފެންނަމުން ދިޔަ ގިނަ ބަދަލުތަކެއް މުހިންމު ދައުރެއް ކުޅުނެވެ. މާކެޓަށް ބަލާއިރު ދިވެހިން ގެންނަ ކުޅުޅު ބިހުގެ ކޮންޓްރޯލް އޮތީ ދެތިން ޕާޓީއެއްގެ އަތްމަތީގަ އެވެ. މި މީހުން ބިސް ގެންނަނީ ލަކުޑ ބޯޓުތަކުގަ އެވެ. މި ބޯޓުތަކީ ދިވެހިންގެ ނަސީބުގެ ގޮތުގައި ދޫކޮށްލައިގެން ތިބުން ނޫން ގޮތެއް އޭރަކު ނެތެވެ. މޫސުން ގޯސްވެ މި ބޯޓުތައް ލަސްވެއްޖެނަމަ ބާޒާރުގައ ބިސް އަގު އުފުލެ އެވެ. މީގެ ބޯޓެއް ލަސްވެއްޖެނަމަ ބިހުގެ އަގު އުފުލެ އެވެ. މިއީ ދިވެހިން އުފޭ މިންވަރުތޯ މާކުރިން ސުރެން ފެނިގެން ގިނަ ބަޔަކު ސުވާލު ކުރަމުން ދިޔަ އެވެ.
ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް ބިސް އެތެރެކުރަން އެސްޓީއޯއިން ފެށީ އެހެންވެ އެވެ. މިހާރު ރައްޔިތުން ބިސް ހުސްވެގެން ބިސް ނުކެވިފަ ތިބޭކަށް ނުޖެހޭނެ އެވެ. އެކަމަކު މި ކަމަކީ އެސްޓީއޯއިން މުޅިން އަލަށް ކުރަން ފެށި ކަމެކެވެ. މިހާތަނަށް އިކޮނޮމިކް މިނިސްޓްރީން އިޝާރާތެއް ދިނުމުން އެސްޓީއޯ އިން ކުރާ ކަމަކީ ތަކެތީގެ އަގު އުފުލެން ފެށުމުން އިންޓަވިން ކުރުމެވެ. ނަމަވެސް އެ އެކަން ކުރުމުގެ ބަދަލުގައި މިހާރު ކުރާ ކަމަކީ ގަވައިދުން މި 23 ބާވަތް ގެނައުމެވެ. އެކަމަކު ރީޓެއިލް މި ބާޒާރުގައި ފައި ބެހެއްޓުމަކީ އެސްޓީއޯ އިން އަލަށް ކުރާ ކަމެކެވެ.
އެސްޓީއޯގެ އެމްޑީ އިބްރާހިމް ޝިމާދު ވިދާޅުވި ގޮތުގައި މިކަން އެސްޓީއޯއިން ކުރަން ފެށުމާއެކު އެ ކުންފުނި ފުރަތަމަ ޖެހެނީ ދަސްކުރާށެވެ.
“ވަރަށް ޕެރިޝަބަލް މުދާ މިއީ. ރީޓެއިލްގައި މިފަދަ ބާވަތްތެއް ވިއްކުމުގެ އޮޕަރޭޝަނަށް މިވަނީ އަލަށް. އެހެންވެ ލާނިން ކާވްއެއްގައި ފުރަތަމަ މިދަނީ،” ޝިމާދު ވިދާޅުވި އެވެ.
އެ ކުންފުނިން ވަނީ ދަސްކޮށްގެން ނަމަވެސް މި ތަކެތި ދިވެހިންނަށް ފޯރުކޮށް ދޭން ވައުދުވެފަ އެވެ. މިކަން ކުރަން މުޅިރާއްޖޭގެ ހަތަރު ބިތަށް ސަޕްލައި ކުރާނެ އެވެ. އާއްމު ފިހާރަތަކަށް ފޯރުކޮށްދޭނެ އެވެ. މި ބަދަލު ވަނީ 60 އަހަރުފަހުން އައި ބޮޑު ބަދަލަކަށެވެ.