އުރީދޫގެ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައިވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްގެ ދަށުން އިންވާޑް ރެމިޓަންސް ޚިދުމަތް ދިނުމަށް ބޭނުންވާ ހުއްދަ އެ އޮތޯރިޓީން ދޫކޮށްފައެވެ.
އެމްއެމްއޭން ބުނި ގޮތުގައި އެ ހުއްދަ ދިނުމާ ގުޅިގެން، އެމްފައިސާ ވޮލެޓަށް ޕޭޕަލް ފަދަ ވަސީލަތްތަކުން ފައިސާ ގެނައުމަށްޓަކައި ކުރަން ޖެހޭ ޑެވެލޮޕްމެންޓް މަސައްކަތްތަކާއި ޓެސްޓިންގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެވޭނެއެވެ.
މިއާއެކު، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްގެ ދަށުން އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި އިންވާޑް އަދި އައުޓްވާޑް ރެމިޓަންސްގެ ޚިދުމަތް ދެމުން ގެންދާނެ ކަމަށް އެމްއެމްއޭން ބުންޏެވެ.
އުރީދޫން ބުނެފައިވާ ގޮތުގައި އަންނަ އަހަރު އޭޕްރީލްގައި އެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރާނެ އެވެ.
ޤަވާއިދުން ހިދުމަތްތައް އަޕްޑޭޓް ކުރަމުންދާ ޕޭޕަލް އަކީ ގިނަ ބަޔަކު ބޭނުންކުރާ އަދި އިތުބާރު ކުރެވޭ އޮންލައިން ޕޭމަންޓް ޕްލެޓްފޯމެއްގެ ގޮތުގައި ދެމިއޮތް ކުންފުންޏެކެވެ.
ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކަށް ފައިސާ ލިބެން މިކަން ވެފައި ވަނީ ހުރަހަކަށެވެ.
ރާއްޖެއަށް މި ހިދުމަތް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ. މީގެ ކުރިން ސަރުކާރުން ވަނީ އެ ކަމަށް މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އުރީދޫއާ ގުޅިގެން އެ ހިދުމަތް ރާއްޖެ ގެނެވޭތީ ސަރުކާރުން ވަނީ މަރުހަބާ ކިޔައިފަ އެވެ.