ނިމިގެން ދިޔަ ސަރުކާރުގައި އެމްޑީޕީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ހާޒިރުކުރަނީ އަންނަ މަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސް އަޅަންކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އޭސީސީއަށް ހާޒިރުރުވާން ޗިޓު ފޮނުވާފައިވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަށެވެ.
ނަމަވެސް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޗިޓުތަކަކީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމުގައި ފޮނުވާ ޗިޓުތަކެއް ކަމަށެވެ.
މި ދެންނެވި ތިން ބޭފުޅުންގެ މައްޗަށް އޭސީސީއިން ކުރަނީ ދޮގު ތުހުމަތުތަކެއްކަން، އެ މައްސަލައިގެ ޒާތުންވެސް އެނގިގެންދެއެވެ. މިއީ، މި ދެންނެވި ތިން ބޭފުޅުން އޭރު ހިމެނިވަޑައިގެންނެވި ކޮމިޓީއަކުން ދީފައިވާ ލަފައަކާ ގުޅޭ މައްސަލައެކެވެ.
ކޮރަޕްޝަންގެ ތުހުމަތުތައް ކުރީގެ މިނިސްޓަރުންގެ މައްޗަށް އޭސީސީން ކުރާއިރު އޭސީސީއިން ތުހުމަތު ކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
“މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ރައީސް މުއިއްޒުގެ ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދަނީ، މި ފެށޭ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ދެކެމެވެ.” އެމްޑީޕީން ބުންޏެވެ.
އެހެންވެ ދައުލަތުގެ މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށް ހިންގަވަމުންދާ މުޑުދާރު ޢަމަލުތައް ހުއްޓައިލުމަށް އެމްޑީޕީއިން ސަރުކާރަށް އެމްޑީޕީން ގޮވާލި އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އޭސީސީއަށް ހާޒިރުކުރަނީ ނިމިގެން ދިޔަ ސަރުކާރުގެ ދުވަސްވަރު މިހާރުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި، ސްވިފްޓް އިންޖިނިއަރިންއަށް އެކަށީގެންނުވާ ބަދަލު ދިން ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމަށެވެ.
ނަމަވެސް އަމީރުއާއި އައިޝަތު އަލީ ހާޒިރުކުރަނީ ސީދާ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެއެވެ.