މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ސްކޭމްތަކުން 13 މިލިއަން ފޭރިގަތްކަމަށް ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކުރި ކަމަށެވެ.
އޭގެގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތައް ކަމަށާއި އެގޮތުން އެފަދަ 491 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕާސަނޭޝަން) 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ރިޕޯޓުކުރި ކަމަށް ފުލުހުން ބުންޏެވެ.
އޭގެގެ އިތުުރުން ވެސް ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ވެސް ރިޕޯޓުކުރިކަމަށް ބުންޏެވެ.
އެ މައްސަލަތަކުގައި 11 މިލިއަން ރުފިޔާއާއި 138،060.85 ޔޫއެސް.ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން ތަހުގީގަށް ހޯދުނީ 2.5 މިލިއަން ރުފިޔާއާއި 31,973 ޔޫއެސް ޑޮލަރެވެ.
ސްކޭމްތަކުން ގެއްލުނު ފައިސާގެ ތެރެއިން ފުލުހުން އަނބުރާ ހޯދި ޖުމްލަ ފައިސާގެ އަދަދު ތިން މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުހުން ބުނީ ރިޕޯޓުކުރެވުނު މައްސަލަތަކުގައި މަނީ މިއުލްސްގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނޭ ކަމަށެވެ. އަދި ސްކޭމްގެ ޝިކާރައަކަށް 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏޭވެ.
“މި މުއްދަތުގެ ތެރޭގައި ފަސްތަނެއް ބަލައިފާސްކޮށްފައިވާއިރު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވެއެވެ. ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުނު އެކައުންޓުތަކުގެ ތަފާސްހިސާބަށް ބަލާއިރު ކޯޓު އަމުރުގެ ދަށުން 453 އެކައުންޓް ފްރީޒްކޮށްފައިވެއެވެ. އަދި މި މުއްދަތުގައި 1897 އެކައުންޓް 48 ގަޑިއިރަށް ހިފަހައްޓާފައިވެއެވެ” ފުލުހުން ބުންޏެވެ.