ކާމިޔާބު ދިވެހި ފިލްމް “ކަމަނާ” ގެ ޓީމުން މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކޮށް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބެމުންދާ ދިވެހި ފިލްމު “ކަނބުލޮ”، މި ފެށޭ ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 56 ޝޯ އަޅުވާނެ ކަމަށް، ސެޓާން ސްޓޫޑިއޯ އިން ބުނެފި އެވެ.
މިހާރުވެސް އޮލިމްޕަހުގައި ހައުސްފުލް ޝޯތަކެއް ދައްކަމުންދާ “ކަނބުލޮ” ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުން ދާއިރު، މި ހަފްތާ ބަންދަކީ މި ފިލްމު އެއްފަހަރާ އެންމެ ގިނަ ޝޯތަކެއް އަޅުވާނެ ދުވަސްތައް ކަމަށް “ކަނބުލޮ” އުފައްދާ ސްޓޫޑިއޯ އިން މައުލޫމާތުދެ އެވެ. އެގޮތުން އައްޑޫ ސިޓީގައި ނިމިދިޔަ ހަފްތާގައި ފިލްމު ސްކްރީން ކޮށްފައިވާތީ، އައްޑޫ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި މި ހަފްތާ ބަންދުގައި ފިލްމު ދައްކާނެ ކަމަށް ސެޓާން ސްޓޫޑިއޯ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އަވަށްޓެރި ސްރީ ލަންކާގައިވެސް ފިލްމް ސްކްރީން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
“މާލެ އާއި ސްރީލަންކާގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ހަފްތާ ބަންދުގައި ފިލްމު ސްކްރީން ކުރުމަށް މިވަނީ ތައްޔާރުވެފަ. ވީކެންޑްގަ އެކަނި 56 ޝޯއަކީ މެނޭޖް ކުރަންވެސް އުނދަގޫ ކަމެއް. ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެންގެ ޓީމުން މީހުން ދަތުރުކޮށް ސްކްރީން މިކުރަނީ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑުމެން ދެކެނީ. މިކަމުގައި ރަށްރަށުގެ އެޖެންޓުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން” ސެޓާރން ސްޓޫޑިއޯއިން ބުންޏެވެ.
ދިވެހި ފިލްމުތަކުގެ މަޤުބޫލުކަން އިތުރުވެފައިވާއިރު، މި ފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ތައުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތަކުން ފުރާލައިފަ އެވެ. އަދި ފިލްމްގެ ޓިކެޓުތަކަށް ޑިމާންޑް ބޮޑުވެ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ޝޯތަކުގެ ތެރެއިން ގިނަ ޝޯތަކެއް މިހާރު ވަނީ ހައުސްފުލްވެފަ އެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ހިމަނާފައިވާ މިފިލްމު ބެލުމަށްފަހު ބެލުންތެރިންގެ ޝުއޫރު ފާހަގަކޮށްފައިވާއިރު، މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމައު އަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން، ފިލްމްގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ އަދި ރަނގަޅު މަސައްކަތެއް ފެނިގެންދާ ފިލްމެއް ކަމަށް، ފިލްމީ ދާއިރާ އަށް ނިސްބަތްވާ އެންމެ ފުންނާބު އުސްފަރާތްތަކުންވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
އޮލިމްޕަސް ޓިކެޓު ކައުންޓަރުން ފިލްމްގެ ޓިކެޓް ވިއްކަމުންދާއިރު، ރޭގަނޑު 8:30 ގެ ޝޯގެ އިތުރުން ބަންދު ދުވަސްތަކުގެ 11:30 ގެ ޝޯތައް ހުޅުވާލާއި ޓިކެޓް ވިއްކަން ފަށާފައިވާކަމަށް ސެޓާން ސްޓޫޑިއޯގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވެ އެވެ.
“ކަނބުލޮ” ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު “ޔުކްތާ” ވާހަކަ އަސްލަކަށް ބަލައިގެން ތައްޔާރުކޮށް ސެޓާން ސުޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ގުޅިގެން އުފެއްދި ފިލްމެކެވެ.
މިފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޑައިރެކްޓަރ ހުސެން މުނައްވަރެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ކަނބުލޮ ފިލްމުގެ ޕްރޮޑިސަރަކީ ކާމިޔާބު ފިލްމް “ކަމަނާ” ގެ ޕްރޮޑިއުސާރ އަލީ ޝާނިޒް މުހައްމަދެވެ.