ރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ލިބުނު އަލްވާދީ ޙައްޖު އެންޑް ޢުމްރާ. ގުރޫޕަށް، ހުއްދަ ލިބުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.
މި ގުރޫޕަށް ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އެކުންފުނިން އިންތިޒާމުކުރާ ފުރަތަމަ ޢުމްރާ ދަތުރަށް ފުރާނީ އަންނަ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު އެމިރޭޓްސް އެއާލައިންގައެވެ.
އަލްވާދީ ޙައްޖު އެންޑް ޢުމްރާގެ ސީއީއޯ، ޢަބްދުލް ޙަފީޒް ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު ތަރުހީބުން ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށެވެ. އަދި މައްކާއާއި މަދީނާގެ އެންމެހާ އިންތިޒާމުތަކެއް ވެސް އެގްރޫޕުން ވަރަށް އިސްކަމެއް ދީގެން މިހާރު ހަމަޖައްސަމުންދާ ކަމަށެވެ.
“އިރާދުކުރެއްވިޔާ މިދަތުރުވެގެންދާނީ ހުރިހާ ގޮތަކުން ވެސް ވަރަށް ކާމިޔާބު ދަތުރަކަށް،” ޢަބްދު ޙަފީޒް ވިދާޅުވިއެވެ.
އަލްވާދީ ޙައްޖު އެންޑް ޢުމްރާގެ ޗީފް ޕީއާރު އޮފިސަރ ޢާލިމް އަބްދުއްލަތީފް ވިދާޅުވީ މަދުދުވަސް ކޮޅެއްތެރޭ މި ގުރޫޕަށް މިލިބުނު ސަޕޯޓުން ދައްކުވައިދެނީ ރައްޔިތުން އަލްވާދީ ޙައްޖު ޢުމްރާ ޓީމަށް ކުރެއްވި އިތުބާރު ކަމަށެވެ.
“އިންޝާالله މި ގުރޫޕް ވާނީ އުމްރާވެރިންގެ އިތުބާރު ހިފަހައްޓާ ގުރޫޕަކަށް. ހިތްހަމަޖެހިލައިގެން އުފަލާއެކު އުމްރާގެ އަޅުކަން އަދާކުރެވޭނެ އަޅުގަނޑުމެންނާއެކު،” ޢާލިމް ވިދާޅުވިއެވެ.
މި ގްރޫޕްގެ ފުރަތަމަ ދަތުރުގެ ޝެއިޚެއްގެ ގޮތުގައިބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ޒުވާން ޢިލްމުވެރިއެއް ކަމުގައިވާ އައްޝައިޚް ޢާޒިމް ޚާލިދެވެ. ޝެއިހް އާޒިމަކީ ޒުވާނުންގެ މަގުބޫލުކަމާއި ލޯބި ހޯއްދަވައިފައިވާ ޝެއިހެކެވެ.