ރާއްޖޭގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއް ނެތި ހިންގަމުންދާ ކަމަށާއި ނަމަވެސް އެ ކަންކަމަށް ފިޔަވަޅު ނޭޅޭ ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ ދުވަހާ ގުޅިގެން ދެއްވި ހިތާބެއްގައި ސިޔާމް ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރާއިރު ވަށައިގެން ހިނގަމުންދާ ކަންތައްތަކާމެދު ފުންކޮށް ވިސްނައި ފިކުރު ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން ދުރާލާ ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއް ނެތި ކުރުމަކީ އާދައިގެ ކަމަކަށް މިއަދު ވެފައިވާ ކަމަށާއި އެފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާތަކުން އެފަދަ ކަންކަމާމެދު އެކަށީގެންވާ ސަމާލުކަމެއް ދެމުން ނުދާ ކަމަށެވެ.
އަދި ނުފޫޒާއި ބާރު ހުރި ފަރާތްތަކުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅެމުންދާތަން ނުފެންނަކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. މިއީ ދިވެހީންގެ މިނިވަންކަމާއި ގައުމިއްޔަތަށް އޭގެ ނުރައްކާ އިންތިހާއަށް ބޮޑު ކަންކަން ކަމަށާއި، އެފަދަ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސިޔާމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މީގެއިތުރުން ސިޔާމް ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށާއި، ދެމެހެއްޓެނިވި އަދި ފުދުންތެރި އިގްތިޞާދެއް ގާއިމުކުރުމަށްޓަކައި މި ގައުމުގެ އެންމެހާ ޒުވާނުން މިއަދު ކަމަރު ބަނދެ، އާ ހިތްވަރަކާއި ފޯރިއާއެކު، ދެމެހެއްޓެނިވި އަޒުމެއްގައި ހިތްވަރާއެކު މަސައްކަތްކުރުމަށް ވެސް ގޮވާލާފަ އެވެ.