ބ. އަތޮޅު ގޮއިދޫ، ފުޅަދޫ، އަދި ފެހެެންދޫ ހިމެނޭ ‘ގޮއި-ފުޅަ-ފެހެންދޫ’ އަތޮޅުގައި ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ އަތޮޅު ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް ހެދުމަކީ ސަރުކާރުން އިއުލާންކޮށްފައިވާ މަޝްރޫއެކެވެ.
ނަޝީދު ވިދާޅުވީ އެ އަތޮޅު އެތެރެވަރި ހިއްކައިގެން ރިސޯޓެއް ހެދުމަށް ވުރެ މިހާރު އޮތް ގޮތަށް ބޭއްވުމަކީ އެ އަތޮޅަށް މާ ފައިދާ ވާނެ ކަމަށެވެ. އަދި ރިސޯޓަކަށް ވުރެ ގެސްޓްހައުސް ވިޔަފާރި ފުޅާކޮށްގެން ރަށްރަށަށް މާ ފައިދާ ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“ރިސޯޓެއް ކޮންމެހެން ހަނދާން ވެއްޖެ ނަމަ ގޮއި-ފުޅަ-ފެހެންދޫ އިން ކޮންމެ ވެސް އެއް ރަށެއްގެ ރިސޯޓެއް ތަރައްގީ ކުރެވިދާނެ,” ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ޗެއާޕާސަނަކަށް ހުންނެވި ނަޝީދު ވިދާޅުވި އެވެ.