ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ކުރިއަށްގެންދާ “މަދިރިން ރައްކާ” ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ފޮގު ކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.
“މަދިރިން ރައްކާ” ކެމްޕެއިނަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް އެޗްޑީސީން ކޮންމެ އަހަރުވެސް އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
އެގޮތުން، މަދިރިން ރައްކާ ކެމްޕެއިނުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގު ކުރުމުގެ މަސައްކަތް އެޗްޑީސީން އިއްޔެ ވަނީ ފަށާފަ އެވެ. ފޮގު ކުރުން ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ފަތިހު 05:00 އަދި ހަވީރު 05:30 ގަ އެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮށް ނައްތާލުމުގެ އިތުރުން، ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން ކުރަމުންދެ އެވެ.
ފާއިތުވި އަހަރުތަކުގައިވެސް އެޗްޑީސީން ވަނީ ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ފަދަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން، ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް “މަދިރިން ރައްކާ” ކެމްޕެއިންގެ ދަށުން ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ.