ޖިންސީ ގޯނާ ކޮށްގެން އިނގިރޭސިވިލާތުގައި ހުކުމްކުރިކަމަށް ބުނާ މީހާއަކީ ދިވެއްސެއް ނޫން ކަމަށް އިމިގްރޭޝަންއިން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުންދަރަލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ ދިވެއްސަކު އެ ގައުމުގެ މަޝްހޫރު ލަވަކިޔުންތެރިއަކަށް ޖިންސީ ގޯނާކޮށްގެން އޭނާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ނަމަވެސް އިމިގްރޭޝަންއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ހުކުމްކުރި މީހާއަކީ ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވާ ފަރާތެއް ނޫން ކަމަށެވެ.
އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމް ކޮށްފައިވާ 'ސުންދަރަލިންގަމް ކޫޑަލިންގަމް' ކިޔާ މީހާއަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުގައި ޚަބަރު ފެތުރިފައިވާ މައްސަލައާއި ގުޅޭ
Regarding Misidentification of an Individual as a Maldivian Citizen
Read more:… pic.twitter.com/QNUMbk7OD1
— Maldives Immigration (@ImmigrationMV) August 7, 2025
އެހެންވެ އެފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލުމެއް ނެތި އޮޅިގެން ހިނގައިދާނެފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް އިމިގްރޭޝަންއިން އިލްތިމާސްކުރި އެވެ.
ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެއްސެއް ކަމަށް ރިޕޯޓްކުރި ހިސާބުން ފެށިގެން ވެސް ގިނަ ދިވެހީން ދިޔައީ ސޯޝަލް މީޑިއާގައި އެއީ ދިވެއްސެއް ކަމާމެދު ސުވާލު އުފައްދަމުން ނެވެ.
ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހިންނަށް ކިޔައިއުޅޭ ނަމަކަށް ވެސް ނުވާއިރު އެ ނަމަކީ އިންޑިއާގެ ދެކުނު އޮންނަ ޓެމިލް ނާޑޫގައި ކޮންމެވެސް ވަރަކަށް އާންމު ނަމެކެވެ.