މި ހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަސް ނިމުނުއިރު، ދައުލަތުގެ ބަޖެޓުގެ އޯވާއޯލް ބެލެންސް ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ސާޕްލަސްއެއްގައި ދަމަހައްޓައިފި އެވެ.
މިދިޔަ މަހުގެ 31ގެ ނިޔަލަށް ފިނޭންސް މިނިސްޓްރީ އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.4 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވާއޯލް ބެލެންސް 314.3 މިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައި ދަމަހައްޓައިފައިވެ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ އޯވާއޯލް ބެލެންސް ހުރީ 6.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. އޭގެ ކުރިން، 2023 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސްވެސް ހުރީ 4.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 21.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 17.4 އިންސައްތަ ދަށް އަދަދެކެވެ.
އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 2.2 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދުވަނީ 60.8 އިންސައްތައިން ދަށްވެފަ އެވެ.
ރިކަރަންޓް ހަރަދުގެ 56.2 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.3 އިންސައްތަ ދަށް އަދަދެކެވެ.
އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 20.0 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 20.1 އިންސައްތައިން ދަށްވެފައެވެ.
ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 5.1 އިންސައްތައިން ދަށްވެފަ އެވެ.
އެއާއެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 10.7 އިންސައްތައިންވަނީ ދަށްވެފަ އެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއާޕޯޓް ތަރައްގީ ކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް 2.3 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފަ އެވެ. މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 20.5 އިންސައްތަ އެވެ.
2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ.
އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަންހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދެވެ.
އެގޮތުން މިފަދަ މަޝްރޫއުތަކަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހަރަދުކޮށްފަ އެވެ. މީގެ ތެރޭގައި ވެލާނާ އެއާޕޯޓް ނިންމުމަށް ހިނގާ ހަރަދުތައް ފާހަގަކޮށްލެވެ އެވެ.
އޭގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 114.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު ޕީއެސްއައިޕީއާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ހަރަދު ވަނީ ކުޑަކުރެވިފަ އެވެ.