ކިޑްނީ ބަލިތަކުގެ ޑަޔަލިސިސް ހިދުމަތަށް ހާއްސަކޮށް ހުޅުވި ހުޅުމާލެ ޑަޔަލަސިސް ސެންޓަރު ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް މިއަދު އިފުތިތާހުކޮށްދެއްވައިފި އެވެ.
މި ހަފުލާ އޮތީ އޮރެންޖް ހިޔާ ބިލްޑިންގަ އެވެ.
އެ ހަފުލާގައި ހުޅުމާލެ ޑަޔަލިސިސް ސެންޓާ އިފުތިތާހުކުރުމުގެ ކުރިން، އާ އިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެ އެވެ. ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް އިފްތިތާހް ކުރެއްވުމަށްފަހު، ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ.
މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ މި ސެންޓަރުގެ ސަބަބުން ރާއްޖެއިން ބޭރަށް ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކަށް ރާއްޖެއިން ހިދުމަތްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ. ޖުމްލަ 30 އެނދާއެކު ހުޅުވި މި ސެންޓަރުގެ ސަބަބުން ކިޑްނީ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެ އެވެ.
ސިއްހީ ހިދުމަތް ހޯދަން، ރާއްޖެއިން ބޭރަށް ދިވެހިން ދާންޖެހޭ މައްސަލައަށް ހައްލުހޯދައި، އެކަން ނިމުމަކަށް ގެނައުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހާސިލުކުރުމަން އަމާޒުހިފާފައިވާ ލަނޑުދަނޑިއެކެވެ. މިގޮތުން މިހާރުވެސް، ސިއްހީ ދާއިރާގެ 400 މިލިއަން ރުފިޔާއަށްވުރެ ގިނަ، މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ.