ރައީސް ޑރ. މުހައްމަދު މުއިއްޒު، ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް، މ. މާހުރާ، އަހުމަދު ސަލީމަށް އަރުވައިފި އެވެ.
އެ ޝަރަފް ސަލީމަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ސަލީމް، ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ހާރިޖީ ދާއިރާގަ އެވެ.
ސަލީމް ދައުލަތުގެ ހިދުމަތާ ގުޅިވަޑައިގަތީވެސް އެ ދާއިރާއިން 7 ޖުލައި 1968 ގަ އެވެ. އެގޮތުން ހާރިޖީ ދާއިރާގައި ސަލީމް ވަނީ އެކިފަހަރު މަތިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފަ އެވެ. އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، ރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމާއި، ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރުކަމުގެ މަގާމާއި، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމުވެސް ސަލީމް ވަނީ ފުރުއްވައިފަ އެވެ. ޖުމުލަ 5 އަހަރާއި 6 މަސް ދުވަހު ސާކުގައި ސަލީމް ވަނީ ހިދުމަތް ކުރައްވައިފަ އެވެ.
މ. މާހުރާ، އަޙްމަދު ސަލީމަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް އެރުވުން#Minivan60 pic.twitter.com/wSApXsd3fM
— The President's Office (@presidencymv) July 27, 2025
ފޮރިން އެފެއާޒްގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކާ ބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި، އަދި މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ ހެޑްކަންވެސް ސަލީމް އަދާކުރައްވާފައިވެ އެވެ.
ސަލީމް ރާއްޖޭގެ ހާރިޖީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވި ދިގު މުއްދަތުގައި ރާއްޖެއިން ބޭރުގައި ބާއްވައިފައިވާ ބައިނަލްއަގުވާމީ އެތައް ބައްދަލުވުންތަކެއްގައި ވަނީ ރާއްޖެ ތަމްސީލު ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ބޭރު ގައުމުތަކުން އެހީ ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއްވެސް ވަނީ ކޮށްދެއްވައިފަ އެވެ. މީގެ އިތުރުން ސަލީމް ވަނީ އެ މިނިސްޓްރީގެ “ފޮރިން ސާވިސް އިންސްޓިޓިއުޓް” ވެސް ހިންގަވައިފަ އެވެ.
ސަލީމަކީ، ރާއްޖޭގެ ހާރިޖީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގައިވެސް އިހުލާސްތެރިކަމާއެކުގައި ހިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސްގެ ގަރާރަކުން 2003 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގެންނެވި އެވެ. އަދި މިހާރު އަމަލުކުރަމުންގެންދާ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް ސަލީމެވެ.
ސަލީމް ފުރުއްވައިފައިވާ އެހެން ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑެޕިއުޓީ ޑިރެކްޓާ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓާ އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެ އެވެ. އަދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް ސަލީމް ފުރުއްވައިފައިވެ އެވެ.
ސަލީމް، ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 54 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.